ސިއްޙީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު އެ ޤައުމުގައި މިވަގުތު ހުންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ޤައުމަށް ވަޑައިގަތުމަށް ރަޝިއާގެ ފެޑެރަލް ޕްރިޒަން ސަރވިސްއިން ގޮވާލައިފިއެވެ.
ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވި ގޮތުގައި ނަވަލްނީ އަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އޭނާގެ އަނބިކަނބަލުން އެދިވަޑައިގަތުމުން އެ ހުއްދަ ދެއްވުމަށް ޕްރޮސެކިއުޓާގެ އޮފީހުގައި އެދިވަޑައިގަތީވެސް ސީދާ އެމަނިކުފާނެވެ.
ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ މިހާރު ވަނީ ހޮސްޕިޓަލުންވެސް ދޫކޮށްލާފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއްވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.
އެއާއެކު ރަޝިއާގެ ސަރުކާރުން މިހާރު ގެންދަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ބާރު އަޅަމުންނެވެ. އެގޮތުން ނަވަލްނީއަކީ މިހާރުވެސް ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައި، މިހާރު ޤައުމުން ބޭރުގައި ހުންނަވަނީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ. އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ، ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން ބުނެފައިވެއެވެ.
ނަވަލްނީ މިހާރު ސަސްޕެންޝަންގައި ހުންނެވީ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އެއީ ސިޔާސީ ދައުވާއެއް ކަމަށް ނަވަލްނީ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އުމުރުން 44 އަހަރުގެ އެލެކްސީ ނަވަލްނީ އަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕޫޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރި ގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ.