ކޮވިޑް-19 ގެ ޙާލަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ކޮންގްރެސްއިން އެކުލަވާލި 900 ބިލިއަން އެމެރިކާ ޑޮލަރުގެ ރިލީފް ޕެކޭޖާ ގުޅޭ ބިލު ރައީސް ޑޮނަލްޑް ޓްރަމްޕް ފާސް ކުރައްވައިފިއެވެ.
އެތައް ދުވަހެއް ވަންދެން އެމެރިކާގެ ކޮންގްރެސްގައި ބަހުސް ކުރުމަށްފަހު އެކުލަވާލި މި ޕެކޭޖު ފާސް ކުރެއްވުމަށް ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން ދެކޮޅު ހައްދަވާފައެވެ. އެހެން ނަމަވެސް، ޕެކޭޖް ފާސް ކުރުން ލަސް ވުމުގެ ސަބަބުން ރައްޔިތުންނަށް އެކިކަހަލަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން ދާން ޖެހޭތީ އެކަމުގެ ޝަކުވާ އެތައް ބަޔަކު ވަނީ ކޮށްފައެވެ. އެގޮތުން ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނާއި، ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން ދޭ އެހީ މަޑުޖެހިފައި އޮތުމުން، އެންމެ ފަހުން ހޯމަ ދުވަހު ރައީސް ޓްރަމްޕް ވަނީ ޕެކޭޖް ފާސް ކޮށްދެއްވާފައެވެ.
މި ބިލުގައި ވާ ގޮތުން އަހަރަކު 75،000 އެމެރިކާ ޑޮލަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހެއްނަމަ، ރިލީފް ޕެކޭޖުގެ ދަށުން އެމީހަކަށް 600 އެމެރިކާ ޑޮލަރު ސަރުކާރުން ދޭން ޖެހެއެވެ. އެހެންނަމަވެސް، ރައީސް ޓްރަމްޕް ވަނީ އެ އަދަދު 2000ށް އިތުރު ކޮށްދެއްވުން އެދިވަޑައިގެން އެކަމާ ޝަކުވާ ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލުވެސް އުފައްދަމުންނެވެ. ސަބަބަކީ މިހާރު ބިލުގައި ހިމަނާފައިވާ 600 އެމެރިކާ ޑޮލަރުގެ އަދަދަކީ ރައީސް ޓްރަމްޕްގެ އެންމެ އަރިސް އިކޮނޮމިކް އެޑްވައިސަރެއް ކަމަށްވާ ސްޓީވަން ނުކިން ހުށައެޅުއްވި އަދަދަކަށްވެފައި، ގިނަ ދުވަސްތަކެއް ވޭތުވެގެން ދިޔައިރުވެސް ރައީސް ޓްރަމްޕް އެ އަދަދާމެދު ދެކޮޅު ހައްދަވާފައި ނުވާތީއެވެ.
އޭގެ އިތުރުން، މަރުކަޒީ ސަރުކާރުތަކުން ޤައުމުތަކަށް ފޯރުކޮށްދޭ އެކިކަހަލަ އެހީތަކާ ގުޅޭގޮތުންވެސް ޓްރަމްޕް ޝަކުވާ ކުރައްވާފައިވެއެވެ. ޓްރަމްޕް ވަނީ އެ ފައިސާ ހަމައެކަނި އެމެރިކާގެ ރައްޔިތުންނަށް ޚަރަދު ކުރުމަށް ގޮވާލައްވާފައެވެ.
ކުއްލި ގޮތަކަށް ރައީސް ޓްރަމްޕް ބިލު ފާސް ކުރައްވަން ނިންމެވި ސަބަބު ސާފު ނުވި ނަމަވެސް، ބިލު ފާސް ކުރުމަށް ގޮވާލައި ކޮންގްރެސްގެ ގިނަ މެމްބަރުންތަކެއް ޓްރަމްޕަށް ބާރު އަޅުއްވާފައިވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
އޭގެ އިތުރުން، މި ބިލު ފާސް ކުރުން ލަސްވެގެންދާނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށް އިންތިޚާބީ ރައީސް ޖޯ ބައިޑެންވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން މިހާތަނަށް 19 މިލިއަން 5 ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 341،000ށް ވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.