ތިން ރަށަކުން ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއަށް ކަނޑައެޅިފައިވާ ހައުސިންގ ޔުނިޓުތައް ޙަވާލުކޮށްފިއެވެ.
އެ އާއިލާތަކަކީ ހދ.މާވައިދޫ، ކުނބުރުދޫ އަދި ފަރިދޫއިން 2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި 52 އާއިލާއެވެ. އެ ފަރާތްތަކަށް ކަނޑައެޅިފައިވާ ހައުސިންގ ޔުނިޓުތައް ޙަވާލު ކޮށްފައިވަނީ މިހިނގާ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މިނިސްޓްރީގެ ފަރާތުން ހައުސިންގް ޔުނިޓުތައް ޢާއިލާތަކާ ޙަވާލު ކޮށްދެއްވީ އެ މިނިސްޓްރީގެ ސީނިއަރ އެކްޒެކެޓިވެ ޑިރެކްޓަރ ދާއޫދް އިބްރާހިމްއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތުގެ ކޮންޓްރެކްޓު ޙަވާލުކުރީ 23 އޭޕްރިލް 2019 ގައެވެ. އަދި މި މަސައްކަތަށް 27.9 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
އޭގެ އިތުރުންވެސް އިތުރު 8 ޔުނިޓު ވަގުތީ ގޮތުން ހދ. ނޮޅިވަރަންފަރު ކައުންސިލާ ޙަވާލު ކޮށްފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެ ޔުނިޓުތައްވެސް އިޢުލާނު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ބަދަލުކުރި މި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖައްސައި ދޭން ޖެހެނީ ސަރުކާރުން ކަމަށްވާއިރު، މިއާއިލާތަކަށް ޚާއްސަކޮށްގެން 60 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު ވެސް ފެށިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ނުކުރެވި ހައުސިން ޔުނިޓްތަކުގެ މަސައްކަތް އޭރު ވަނީ ނިންމާނުލެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މިހައުސިންގ ޔުނިޓްތަކުގެ ނިމިފައިހުރީ ހަމައެކަނި ސްޓްރަކްޗަރގެ މަސައްކަތާއި، ގެތަކުގެ ފުރާޅުގެ މަސައްކަތެވެ. ނަމަވެސް މިސަރުކާރާއެކު ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ވަނީ ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލާފައެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު، ނޮޅިވަރަންފަރުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަކާއި، ކައުންސިލްތައް ގުޅިގެން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.