ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަސިންޖަރުން އައީ ހޮނިހިރު ދުވަހު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓާމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރު އިބްރާޙިމް ހުސައިން ވިދާޅުވީ، އާދިއްތަ ދުވަހަކީ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް އައި އަދި އެންމެ ގިނަ ފަސިންޖަރުން ރާއްޖެއިން ފުރި ދުވަސް ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު އޮޕަރޭޓްކުރި 25 ފްލައިޓުން، ޖުމުލަ 4659 ފަސިންޖަރުން ރާއްޖެއަށް އެތެރެވެފައިވެއެވެ. އަދި 3979 ފަސިންޖަރުން ރާއްޖެއިން ބޭރަށް ގޮސްފައިވެއެވެ.
އެތެރޭގެ އުދުހުންތަކަށް އަލިއަޅުވާލައްވާ އިބްރާޙިމް ވިދާޅުވީ، އާދިއްތަ ދުވަހު 30 ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓްކުރި ކަމަށެވެ. އެއީ މޯލްޑިވިއަންއިން އޮޕަރޭޓްކުރި 19 ފްލައިޓަކާއި، ފްލައިމީގެ 8 ފްލައިޓަކާއި، މަންޓާ އެއާއިން އޮޕަރޭޓް ކޮށްފައިވާ 4 ފްލައިޓެކެވެ. އަދި އެތެރޭގެ އުދުހުންތަކުގެ ތެރެއިން އާދިއްތަ ދުވަހު 891 ފަސިންޖަރުން މާލެ އައިސްފައިވާއިރު، 1005 ފަސިންޖަރުން މާލެއިން ފުރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް އިތުރަށް ވިދާޅުވީ، އާދިއްތަ ދުވަހު 12 ޕްރައިވެޓް ޖެޓެއް އޮޕަރޭޓްކުރި ކަމަށެވެ. އަދި މިއީވެސް ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނައިން ޕްރައިވެޓް ޖެޓް އޮޕަރޭޓްކުރި ދުވަސް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށްޓަކައި ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހޭކަމަށް ބުނެފައިވެއެވެ. އެއާއެކު މި ހިނގާ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އަހަރުގެ ފަސް ލައްކަ ފަތުރުވެރިޔާ އައުން ކާމިޔާބުކަމާއެކު ސަރުކާރުން މި ވަނީ ފާހަގަކޮށްފައެވެ.
އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ. އަދި މިހާރު ހާލަތަށް އަންނަ ބަދަލާއެކު، އެ އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.