ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ އެންމެހާ މައުލޫމާތު އޮސްޓްރޭލިއާގެ އެމްބެސެޑަރ ބްރައިސް ހަޗަސަންއާ ހިއްސާކޮށްފި އެވެ.
އެމައުލޫމާތު ހިއްސާ ކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އަދި އިންސާނީ ހައްގުތަކާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން ބޭރުގެ ފަރާތްތަކާއި މައުލޫމާތު ހިއްސާ ކުރުމަށް އިދިކޮޅު ފަރާތްތަކުން ސްރީލަންކާއަށް ކުރަމުންދާ ދަތުރުގެ އެންމެ ފަހު ފަރާތުގެ ގޮތުގައި ބުދަދުވަހުގައެވެ.
މިބައްދަލުވުމާ ގުޅޭގޮތުން ސްރީލަންކާގައި ހުންނަވައިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ބޭރުގެ ޑިޕްލޮމޭޓުންނާ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުންތައް ބުދަ ދުވަހު ނިންމާލާފައިވާ ކަމަށާއި ޖުމްލަ 8 މިޝަންއަކަށް ޒިޔާރަތް ކުރެވިފައިވާ ކަމަށެވެ.
"ހުރިހާ މިޝަނެއްގައވެސް ދަންނަވަމުން މިގެންދިޔައީ ޔާމީންގެ ޚުދުމުޚްތާރު ވެރިކަމުގައި ކުރައްވަމުން ގެންދަވާ ޤާނޫންތަކާއި ޤާނޫން އަސާސީއާ ޚިލާފް ވާހަކަ ތަކާއި ޤާނޫން އަސާސީއާއި ޤާނޫނީ އިމުގެ ބޭރުން އިދިކޮޅު ފަރާތްތައް ޖަލަށްލައި އެކުރައްވަމުންގެންދަވާ އަނިޔާތަކުގެ ވާހަކައާއި ރާއްޖޭގެ މުޅި ސިޔާސީ މައިދާން ޚަރާބު ކުރައްވަމުން ގެންދަވާ ވާހަކައާއި ރާއްޖޭގެ އިޤްތިސޯދީ މުއްސަނދިކަން ނަހަމަގޮތުގައި ބޭނުން ކުރަމުން ގެންދަވާ ވާހަކައާ ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކުރެވޭ ވާހަކަ އަދި އަނިޔާވެރިކަމާއެކު ޝަހީދު ކޮށްލެވިފައިވާ ޔާމީން ރަޝީދުގެ މައްސަލައިގައި މިނިވަން ދެފުށް ފެންނަ ތަހުގީގެއް ބޭރުގެ ފަރާތްތައް ހިމެނޭގޮތައް ކުރައްވަން ޖެހޭނެ ކަމަށް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ނަމަވެސް އަދިވެސް އެފަރާތްތަކަށް އެމައުލޫމާތުތައް އިތުރަށް ސާފުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ސްރީލަންކާއަށް ދިޔަ ވަފުދުގައި އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވަނީ ބައިވެރިވެފައެވެ. މިބައްދަލުވުންތަކުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހްމަދު ނަސީމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.