ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އެއަރ ޓްރެފިކް މޫމެންޓްވީ އިތުރުކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބުނެފިއެވެ.
ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް ވިދާޅުވީ ކޮވިޑް-19 އާއި އެކު އެއަރޕޯޓްތަކާއި މުޅި އޭވިއޭޝަން އިންޑަސްޓްރީ އެއްކޮށް ހުއްޓުނު ކަމަށާއި އެހެން ނަމަވެސް އެކަންކަން ކަމުން އަރައިގަންނަން އެމްއޭސީއެލް އަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އަޑިގަނޑުން އަރައިގަނެވި އެއަރޕޯޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.
އެގޮތުން ބަލިމަޑުކަމުގެ ތެރޭގައި އެމްއޭސީއެލް އަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ އެއަރލައިންތަކަށް އަމާޒުކޮށްގެން ތައާރަފްކުރެވުނު އިންސެންޓިވް ޕެކޭޖުތައް ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ގެއްލުން ލިބުނު އެއަރލައިންތައް އަލުން އަނބުރާ ފަށައިގަތުމަށް މި އިންސެންޓިވް ޕެކޭޖުތަކުން ވަރަށް ބޮޑު ބޫސްޓެއް ދިން ކަމަށް ހަސަން ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ވަނީ މި އިންސެންޓިވް ޕެކޭޖްތަކުގެ ދަށުން ގްރައުންޑް ސާވިސްތަކުން 100 އިންސައްތަ ޑިސްކައުންޓް ދީފައިކަމަށް ފާހަގަކޮށް ހަސަން ވަނީ ރޭޓް ތަކަކަށް ބަހާލައިގެން ދޫކުރާ މި އިންސެންޓިވް ޕްކޭޖްތަކުގެ ދަށުން އެއަރލައިންތަކަށް 75 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރުވެސް މި އިންސެންޓިވް ޕެކޭޖުތައް ދެމުން އަންނަ ކަމަށާއި މި ޕެކޭޖުތައް އަންނަ އަހަރުގެ މާޗް މަހާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައިވެސް ގިނަ އަދަދެއްގެ އެއަރލައިންތަކުން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭކަން ފާހަގަކޮށް ހަސަން ވަނީ މިހާރުވެސް ރާއްޖެއަށް 19 އެއަރލައިނަކުން ދަތުރުކުރާ ކަމަށް ބުނެފައެވެ. މި މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 10 ވަރަކަށް އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާނެ ކަމަށާއި އަންނަ ފެބްރުއަރީ މަހާ ހިސާބަށް އިތުރު 13 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލިފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރ މަހާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރ މަހު ވީއައޭގެ އެއަރ ޓްރެފިކް މޫމެންޓް 33 އިންސައްތަ އިތުރުވެފައިވާ ކަމަށާއި ރާއްޖެއައި އެރައިވަލްސްގެ އަދަދު 61 އިންސައްތަ އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޕްރައިވެޓް ޖެޓްތަކަށް ބެލި ނަމަވެސް ފާއިތުވި 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހާއި މި އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ އަދަދު 142 އިންސައްތަ އިތުރުވެފައިވާ ކަން ހަސަން ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ބަލިމަޑު ކަމާއި އެކު ވެސް ފާއިތުވި އަހަރަށް ވުރެ މިއަހަރު ވީއައިއޭގެ އެއަރ ޓްރެފިކް މޫމެންޓް އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ގަބޫލުކުރެއެވެ.