ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރާ ރިކަވަރީ ސްކީމްގެ ލޯނުތައް 2،000 އަށް ވުރެ ގިނަ ފާރަތަށް ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ އިން ވަނީ 2,015 ފަރާތަކަށް ރިކަވަރީ ލޯނު ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 627 ފަރާތަކަށް 18.8 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދު ފަންތީގެ 1,388 ވިޔަފާރިއަކަށް 318.8 މިލިއަން ރުފިޔާގެ ލޯނެވެ.
ރިކަވަރީ ސްކީމްގެ ދަށުން އެސްޑީއެފްސީ އިން ވަނީ މިހާތަނަށް 337.6 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ އިން ދޫކުރާ ލޯނަށް އެދި 4,073 ފަރާތަކުން ވަނީ އެދިފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 2,047 ފަރާތަކާއި 2,026 ވިޔަފާރިއެވެ.
އެގޮތުން އެސްޑީއެފްސީ އަށް ހުށައަޅާފައިވާ ލޯނުތަކުގެ ތެރެއިން 2,163 ފޯމު އެޕްރޫވްކޮށްފައިވާއިރު، 675 ފޯމު ވަނީ ރިޖެކްޓުކޮށްފައެވެ. އަދި 2,154 ފޯމެއް ވަނީ ސޭންކްޝަން ކޮށްފައެވެ.
އެސްޑީއެފްސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއި އެކުއެވެ.