Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 18:44
ސިޔާމާއި ރައީސް ޔާމީން، ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ސިޔާމް ވިދާޅުވެފައިވޭ
ސިޔާމާއި ރައީސް ޔާމީން، ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ސިޔާމް ވިދާޅުވެފައިވޭ
ރާއްޖެ އެމްވީ
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
ސަން ކުންފުންޏާއި ތުރުކީގެ ކުންފުންޏަކުން ބިޑް ހުށަހެޅި
މިލޭނިއަމް ކެޕިޓަލްއާ ކުރިން ހަވާލުކޮށްފަ
ގިނަވެގެން ދެ އަހަރުގެ ތެރޭގައި ޚިދުމަތް ދޭނަން

ނ. މާފަރުގައި ތަރައްގީކުރަން ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް(ސަން ސިޔާމް) ގެ ސަން ސިޔާމް ރިސޯޓްސްއާ ހަވާލުކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސަން ސިޔާމްގެ ކުންފުންޏާއެކު މާފަރު އެއާޕޯޓްގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރީ ބުދަ ދުވަހު އެވެ. ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، ސަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އެވެ.

 

މާފަރުގައި އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށަހެޅީ ސަން ކުންފުންޏާއި ތުރުކީގެ ބޮރޮސާ އިންސާޓް ޓޫރިޒަމް އިންނެވެ.  

 

މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހުޅުވާލީ، ކުރިން އެ މަޝްރޫއު ހަވާލުކޮށްފައި އޮތް، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީ ގައި އުވާލުމަށް ފަހު އެވެ.މިލޭނިއަމް ކެޕިޓަލް އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝުރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

 

ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާގެ ތަހުގީގަށް ހާމިދު އިސްމާއިލް ހައްޔަރުކޮށްފައިވުމުން، މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިލޭނިއަމް ކެޕިޓަލް އަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން އެހެން ވިދާޅުވީ، ސިޔާމްގެ އުފަން ރަށް ކަމަށްވާ ނ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން ބިޑްކޮށްގެން އޭނާއާ މާފަރު އެއާޕޯޓް ހަވާލުކޮށްފިނަމަ ގިނަވެގެން ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގައި ހިދުމަތް ފެށޭވަރުކޮށްދެއްވާނެ ކަމަށެވެ.

 

މާފަރު އެއާޕޯޓް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ސަން ކުންފުންޏާއި ތުރުކީގެ ކުންފުނިން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް، ބިޑް އެވަލުއޭޓް ނުކޮށް މިހާ ގިނަ ދުވަސްވީ ކީއްވެކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރި އެވެ.

 

ކުރިން ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

 

މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށާއި އިތުރު މަޝްރޫއަކަށް ސަން ކުންފުނިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން މަސައްކަތް ކޮށްފައިވެ އެވެ. އެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމަށް ހަމަޖެހިފައި އޮތްއިރު، ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދިންކަމެއް އަދި ކަށަވަރު ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް