Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 18:33
އެންޓި-ކޮރަޕްޝަން ކޮމިޝަން
އެންޓި-ކޮރަޕްޝަން ކޮމިޝަން
ސަން އޮންލައިން
ކޮރަޕްޝަން
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
މިއީ މީގެ ހަ އަހަރު ކުރިން ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ އަމަލެއް
ސ. ފޭދޫ އަވަށު ބޯޑުގެ ވަގުތީ ރައީސްގެ ނަމެއް އޭސީސީން ހާމައެއް ނުކުރޭ
މިއީ މިސްކިތެއް މަރާމާތުކޮށް ކުލަލާފައިވާ ކަމަށްބުނެ، ނުކުރާ މަސައްކަތަކަށް 40،000ރ ނެގި ކަމަށްބުނާ މައްސަލައެއް

މީގެ ހަ އަހަރުކުރިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އައްޑޫ ސިޓީ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 1432 ވަނަ އަހަރު ކުރެވުނު ސ. ފޭދޫގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރުމާގުޅޭ މައްސަލަ އޭސީސީން ތަހުގީގުކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު ބޯޑުގެ ކުރީގެ ވަގުތީ ރައީސްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ފޭދޫ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުކޮށް ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލް އިދާރާއިން ކުރި އިއުލާނާ ގުޅިގެން، އެންމެ ކުޑައަގު އަދި އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ، ފޭދޫ މަސްޖިދުލްފަލާޙްގެ މަސައްކަތް ކޮށްފައިވަނީ އެ މަސައްކަތް ހަވާލުކުރި ފަރާތް ނޫންކަމާއި، އެ މަސައްކަތް ކޮށްފައިވަނީ އަމިއްލަފަރާތަކުން ހިލޭ ސާބަހަށްކަން، ތަހުގީގުން އެނގޭކަމަށެވެ.

ނަމަވެސް ފޭދޫ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، މަސައްކަތުގެ ބިލު ފޮނުވިއިރު، މަސްޖިދުލްފަލާޙްގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތުގެ އަގުކަމުގައިވާ 40,000.00ރ އުނިކޮށްފައި ނުވާކަމަށެވެ. އެ ބިލަށް ފައިސާ ދެއްކުމުގެ ކުރިން، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމާފައިވޭތޯ ބެލުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ފޮނުވި މެސެޖާ ގުޅިގެން، މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ނިންމާފައިވާކަމަށްބުނެ، ފޭދޫ އޮފީސް ހިންގުމާއި ހަވާލުވެހުރި އަވަށު ބޯޑުގެ އޭރުގެ ވަގުތީ ރައީސް ސޮއިކޮށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް އެކަން އަންގާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އެހެންނަމަވެސް މިގޮތަށް އެކަން ސިޓީ ކައުންސިލަށް އަންގާފައިވަނީ، މަސައްކަތު އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ފޭދޫ މަސްޖިދުލްފަލާޙްގެ މަސައްކަތް ކޮށްފައިވަނީ، މިސްކިތްތައް މަރާމާތުކޮށް ކުލައާއި ދަވާދުލުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ނޫންކަމާއި، އެ މަސައްކަތް ކޮށްފައިވަނީ އަމިއްލަފަރާތަކުން ހިލޭ ސާބަހަށްކަން އަވަށު ބޯޑުގެ ވަގުތީ ރައީސް އަށް އެނގިހުރެކަން މައްސަލައިގެ ތަހުގީގުން އެނގޭ ކަމަށެވެ.

އެހެންކަމުން އަވަށު ބޯޑުގެ ވަގުތީ ރައީސްގެ މި އަމަލަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަށްވެފައި އަދި މިކަމުގެ ސަބަބުން، މި މަސައްކަތް ހަވާލުކުރި ފަރާތަށް އޭނާ ނުކުރާ މައްސައްކަތެއްގެ އަގުގެ ގޮތުގައި 40,000.00ރ ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

އޭސީސީން ބުނީ އެކަން ފޮރުވުމުގެ ގޮތުން، މަސްޖިދުލްފަލާހްގައި ކުރަންހުރި މަސައްކަތް އަމިއްލަފަރާތަކުން ހިލޭ ސާބަހަށް ކޮށްފައިވާތީ، އެ މަސައްކަތުގެ ބަދަލުގައި އެހެން މިސްކިތްތަކެއްގެ މަސައްކަތް އެ އަގަށް އޭނާއާ ހަވާލުކޮށްފައިވާކަން ދެއްކުމުގެ ގޮތުން އެއްބަސްވުމަށް އިތުރުކުރެވޭ ބައެއްގެ ގޮތުގައި އޭނާއާއި ފޭދޫ އޮފީހާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއް ހަދާފައިވެއެވެ. ނަމަވެސް މި އެމްއޯޔޫ އަކީ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ނިމި އަދި އެ މަސައްކަތުގެ އަގުވެސް ލިބުނު ފަހުން، މާ ފަހުގެ ތާރީޚެއްގައި ހަދާފައިވާ އެމްއޯޔޫ އެއްކަން ތަހުގީގަށް ސާބިތުވާތީ މިމައްސަލާއިގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް