Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 18:19
ރާއްޖެޓީވީ
ރާއްޖެޓީވީ
ރާއްޖެއެމްވީ
ރާއްޖެޓީވީ
ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި
މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފައި

ރާއްޖެޓީވީއިން ގެނެސްދިން ޚަބަރަކާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި އަބުރުގެ މައްސަލައެއް ނިންމައި،  200،000ރ. އިން  ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ރާއްޖެޓީވީ 200،000ރ އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައި މިވަނީ ޖޫރިމަނާހެ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ފަހުގައެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވިދާޅުވީ 200،000ރ އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް އެއީ ބޭއިންސާފުކޮށްފައިވާ ޖޫރިމަނާއެއް ކަމަށްވާތީ، އެ ޖޫރިމަނާ ބާތިލްކޮށް ފައިސާ ހޯދުމަށެވެ. 

މި ޖޫރިމަނާ މާޗް 6 ވަނަ ދުވަހު ދައްކައި ނިންމާފައި ވަނީ ރާއްޖެ ޓީވީ އާއި ސްޓޭޝަންގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާތީ، އެ ފައިސާ ދެއްކުމަށް ހުޅުވި "އަބުރު ފަންޑަ"ށް ލިބުނު ބޮޑު އެހީއާ އެކުގައެވެ.

އަބުރު ފަންޑު ހުޅުވުމާ އެކު ބެލުންތެރިންނާއި ދިވެހި ރައްޔިތުންގެ ހިތުގައި ރާއްޖެޓީވީ އަށް އޮތް ލޯބި ހާމަކޮށްދިން ކަމަށާއި އަމިއްލަ އިސްނެގުމަށް މާލެ އާއި ރަށްރަށުގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ އެއްކޮށް، އަބުރު ފަންޑަށް އެހީވެ ދީފައިވާ ކަމަށް ރާއްޖެޓީވީން ބުންޏެވެ. ރާއްޖެޓީވީން ސަޕޯޓަރުންގެ އެހީއަށް އެދި ގޮވާލުމުން ދިން ބޮޑު ތަރުހީބު ހާމަކޮށްދެނީ، ރާއްޖެޓީވީގެ ޚިދުމަތް ބަލައިގަންނަ މިންވަރާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތުގެ އަގު ވަޒަންކުރާ މިންވަރު ކަމަށް ރާއްޖެޓީވީން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އާއި ސްޓޭޝަންގެ ކުރީގެ ނޫސްވެރިއަކު ޖޫރިމަނާކޮށްފައި ވަނީ ނޮވެމްބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރު ގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށް ބުނެއެވެ.  މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެކޮމިޝަނުގެ ރިޕޯޓްގައި ވެއެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، މި ޚަބަރު ތައްޔާރު ކުރި، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރިއިރު، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީޑިއާއެއް، އަދި ނޫސްވެރިއަކު ވެސް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. އެއަށް ފަހު، މިހާރު ރާއްޖެޓީވީ ވަނީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް