ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 17:29
ރާއްޖެޓިވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް
ރާއްޖެޓިވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް
ރާއްޖެ އެމްވީ
ރާއްޖެޓީވީ ޖޫރިމަނާ މައްސަލަ
އާލާއާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބްރޯޑްކޮމް އިން އިއުތިރާފްވެއްޖެ
އާލާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިނުވާ ކަމަށް ބްރޯޑްކޮމް އިން ވަނީ އިއުތިރާފްވެފައި
އާލާއާއި ރާއްޖެޓީވީ ޖޫރިމަނާކުރިމައްސަލަ ބަލާފައިވަނީ ދެ މައްސަލައެއްގެ ގޮތުގައި
ގާނޫނުއަސާސީއާ ހިލާފް ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކޮމިޝަނުގެ މެންބަރު ވިދާޅުވި

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް 50،000ރ އިން ޖޫރިމަނާކުރި މައްސަލައިގައި އޭނާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެވިފައިނުވާ ކަމަށް އަމިއްލަ އަށް އިއުތިރާފުވެ، އެއީ ގާނޫނުއަސާސީއާ ހިލާފް ބާތިލް ނިންމުމެއް ކަމަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑް ކޮމް) ބުނެފިއެވެ.

ބްރޯޑްކޮމް އިން މިހެން ބުނެފައި ވަނީ ރާއްޖެޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން އާލާ 50،000ރ. އިން ޖޫރިމަނާކުރި މައްސަލަ އަލުން ބެލުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖެ ޓީވީގެ ނިއސް ޑިރެކްޓަރު އަލީ ޔޫސުފް އެ ކޮމިޝަނަަށް ހާޒިރުކޮށް ބަޔާން ނެގުމުގެ ތެރޭގައެވެ.

ބުދަ ދުވަހު ކޮމިޝަނުން ނުކުމެވަޑައިގެން  ރާއްޖެއެވީއަށް މައުލޫމާތު ދެއްވަމުން އަލީ ޔޫސުފް ވިދާޅުވީ އާލާ ޖޫރިމަނާކުރި އިރު މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭންޖެހޭ ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައި ނުވާ ކަމަށް ކޮމިޝަންގެ މެންބަރު  އައިމިނަތު ޝަރާހަތު އިއްޒަތު ވިދާޅުވި ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީން ލިބިދޭ އެ ފުރުސަތު ދެވިފައި ނުވާތީ ގާނޫނުއަސާސީއާ ޚިލާފް ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ވާތީ އެ މައްސަލަ އަލުން ރިވިއުކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ޝަރާހަތު ވިދާޅުވި ކަމަށް އަލީ ވިދާޅުވިއެވެ. 

އަލީ ޔޫސުފް ވިދާޅުވީ ރާއްޖެ ޓީވީން ގެނައި ޚަބަރަކާ ގުޅިގެން އާލާ ޖޫރިމަނާކުރަން ނިންމި މައްސަލަ ރިވިއުކުރުމަށް ކޮމިޝަނުން ނިންމި ނަމަވެސް އެކަމާ ގުޅިގެން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކުރި މައްސަލަ ރިވިއުނުކުރާ ކަމަށާއި އެއީ ވަކި މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނި ކަމަށެވެ. އަދި ހާޒިރުކުރީ އާލާގެ ޖޫރިމަނާގެ މައްސަލަ ރިވިއުކުރުމަށް މިހާރު ބަލަމުންދާ މައްސަލައަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ކަމަށް ކޮމިޝަނުން ބުނި ކަމަށް އަލީ ވިދާޅުވިއެވެ.

"ހާޒިރުވާން ފޮނުވި ސިޓީގައި ނެތް ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާޒިރުކުރަނީ. ކޮމިޝަނުން ކުރި ސުވާލަކީ ރާއްޖެ ޓީވީގައި ނޫސްވެރިންނަށް ކިހާ މިނިވަން ކަމެއް ލިބިގެންވޭތޯ. އަޅުގަނޑު ދެންނެވިން މި މައްސަލައަކީ ކޮމިޝަނުން ވަކި ގޮތަށް ނިންމައި ޖޫރިމަނާ ކޮށްފައިވާ މައްސަލައެއް ކަމަށާއި އަދި ޖޫރިމަނާ ނުދައްކައިގެން ދައުވާކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައި ބަލަމުންދާ މައްސަލައަކަށްވާތީ އާއި ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމަކަށްވާތީ މި މަރުހަލާގައި ބުނެވޭ އެއްޗަކުން ކުންފުންޏަށާއި މައްސަލަ ރައްދުވާ ފަރާތަށް ވެސް ގެއްލުމެއް ލިބިދާނެތީ އެ ސުވާލަށް ޖަވާބުދާރީވާން ދަތިކަމަށް. އަދި ހާޒިރުވުމުގެ ކުރިން ކޮން މައްސަލައެއްކަން ވެސް ނޭނގޭތީ ގާނޫނީ ލަފާ ވެސް ހޯދިފައި ނުވާ ކަމަށް ބުނިން،" އަލީ ވިދާޅުވިއެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ވިދާޅުވީ ވަކި ގޮތަކަށް ނިމި ދައުވާކުރަން ފޮނުވާ މައްސަލައެއް ކަމަށްވުމާއި އަދި ޖޫރިމަނާ ނުދައްކައިފި ނަމަ ކްރިމިނަލް އޮފެންސެއްގެ ގޮތުގައި ޖަލު ހުކުމެއް ވެސް ހިމެނޭ މައްސަލައަކަށްވާތީ ދަށު މަރުހަލާއަކުން ނިންމާފައިވާ މައްސަލައެއްގައި ހަމަ އެ މަރުހަލާ އިން އަލުން ބެލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ކަމުން އެފަދަ މަރުހަލާއެއްގައި ހާޒިރުކޮށްފި ނަމަ ޖަވާބުދެއްވާނެ ކަމަށް ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ. 

"ރިވިއު ކުރަނީ ހަމައެކަނި ނޫސްވެރިޔާގެ މައްސަލަ. ރާއްޖެ ޓީވީ ޖޫރިމަނާކުރީ ނޫސްވެރިޔާ ކުރި ކަމަކީ ގޯސް ކަމެއް ކަމަށް ބްރޮޑްކޮމް އަށް ފެނިގެން. ނަމަވެސް އެއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނާ އިރު އެ ނިންމުމުގެ މައްޗަށް ބިނާކޮށް ރާއްޖެ ޓީވީ ޖޫރިމަނާކުރި ކުރުން ވެސް ބާތިލްކުރަންޖެހޭނެ. މާނައަކީ އުފަންވި އިރު ވެސް ބާތިލް ކަމަކުން ނުކުން ނަތީޖާ ވެސް ބާތިލްވާނެއޭ. ކޮމިޝަނަށް ހަގީގަތުގައި އެބުނެވެނީ ރާއްޖެޓީވީ ޖޫރިމަނާކުރަން ހިންގި ތަހްގީގަކީ ބާތިލް ތަހްގީގެކޭ. އެހެންކަމުން ގާނޫނީ ގޮތުން ބަލާއިރު އެ ޖޫރިމަނާ ވެސް ބާތިލްވާނެ. މިއީ ވަކި ނުކުރެވޭނެ ދެ މައްސަލަކަމުން ރިވިއުކުރާ ނަމަ ދެ މައްސަލަ ވެސް ރިވިއުކުރަންޖެހޭނެ،" އަލީ ވިދާޅުވިއެވެ. 

އަލީ ވިދާޅުވީ ތަކުރާރުކޮށް ވެސް ސުވާލުކުރި ކަމަށާއި ނަމަވެސް ގާނޫނީ ލަފާ ނެތި ޖަވާބު ދެވެން ނެތް ކަމަށް ބުނުމުން އަންނަ އަންގާރަ ދުވަހު ގާނޫނީ ވަކީލަކާ އެކު ހާޒިރުވުމަށް ދައްނަވާނެ ކަމަށް ކޮމިޝަނުން ބުނި ކަމަށް އަލީ ވިދާޅުވިއެވެ. 

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ 50،000ރ އިން އަދި ރާއްޖެޓީވީ 200،000ރ އިން ޖޫރިމަނާކޮށްފައިވަނީ ރޭޕްގެ ކޭސްއަކާ ގުޅޭ ގޮތުން ލިޔުނު ޚަބަރެއްގެ މައްސަލައިގައި އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންނެވެ. އެ މައްސަލަ ބަލައި އާލާ ޖޫރިމަނާކޮށްފައި ވަނީ އޭނާގެ އެއްވެސް ބަހެއް ނުހޯދައެވެ. 

- ކޮމެންޓް