ޑިސެމްބަރ 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލުމުން މި ސަރަހައްދުގައި ފަތުރުވެރިންނަށް ހިދުމަތްދޭން 2500 އެއްހާ އެނދު އޮޕަރޭޓްކުރަން ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްސޒެކުއިޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ މާލެގައި ހާހެއްހާ އެނދު، ހުޅުމާލޭގައި 1،400 އެއްހާ އެނދު އަދި ވިލިމާލޭގައި ސަތޭކައަކާއި ގާތްކުރާ އަދަދަކަށް އެނދު ހުރި އިރު، އުންމީދަކީ ޑިސެމްބަރ 14 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވާލުމާއި އެކު އަވަސް މުސްތަގުބަލެއްގައި މާލެ ސަރަހައްދުގައި 2500 އެއްހާ އެނދު އޮޕަރޭޓްކުރަން ފެށުންކަމަށެވެ.
ރައްޒާން އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ އެއްވެސް ގެސްޓް ހައުސަކަށް އަދި ހުއްދަ އެއް ދީފައި ނެތް ނަމަވެސް މާލެ ސަރަހައްދުގެ 60 ހާއި 70 ހާއި ދެމެދުގެ އަދަދަކަށް ގެސްޓް ހައުސްތަކުން މިނިސްޓްރީއަށް އެސްއޯޕީތައް ހުށައަޅާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ވަކި ވަކި ގެސްޓް ހައުސްތަކުންވެސް އަމަލު ކުރަން ޖެހޭނީ މިހާރު އެކުލަވާލާފައިވާ ގެސްޓް ހައުސްތަކުގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ. އެގޮތުން ގެސްޓް ހައުސްތަކުން ތައްޔާރުކުރާ އެސްއޯޕީގައި ހުންނަން ޖެހޭނެ ކަންކަން ގައިޑްލައިންގައި ހިމެނޭއިރު، މާލެ ސަރަހައްދުގައި ގެސްޓް ހައުސްތައް ހުޅުވާލާއިރު، ރަށަކުން ކުރަން ޖެހޭ ހުރިހާ ކަމެއްވެސް މާލޭގައި މިދިޔައީ ޕްރެކްޓިކްސް ކުރަމުން ކަމަށާއި، އެހެން ކަމުން ގެސްޓް ހައުސްތަކުގެ ބޭރުން ކުރަން ޖެހޭ ގިނަ ކަންކަން ހުރީ ކުރެވިފައި ކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ގެސްޓް ހައުސްތަކުން ހުށައަޅާ އެސްއޯޕީ ރިވިއުކޮށް، އެސްއޯޕީ އަކީ ފާސްކުރެވޭވަރުގެ އެސްއޯޕީއެއް ނަމަ ގެސްޓްހައުސްތަކަށް ގޮސް އިންސްޕެކްޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެއެވެ. މިނިސްޓްރީ އިން ވަނީ ރަށްރަރުގެ ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމުގެ ތަމްރީންތައް ހުރިހާ ކައުންސިލްތަކަކަށް ދީފައެވެ.