އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް މޮރޮކޯއާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމް ކުރަން ނިންމައިފިއެވެ.
މޮރޮކޯގެ ނިންމުމާއެކު އެ ގައުމު ހިމެނިގެން ދިޔައީ ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި އިޒްރޭލާއެކު ސުލްހަ ވުމަށް ނިންމި ހަތަރުވަނަ އަރަބި ގައުމަށެވެ.
މޮރޮކޯއިން އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމަށް ނިންމުމާއެކު، ދެބަސްވުން އުފެދިފައިވާ ހުޅަނގު ސަހާރާގެ ސަރައްދަކީ މޮރޮކޯގެ ބިމެއް ކަމަށް އެމެރިކާއިން ގަބޫލު ކުރުމަށް އެމެރިކާގެ ރައީސް ވަނީ ނިންމަވާފައެވެ.
ހުޅަނގު ސަހާރާއަކީ، އަލްޖީރިއާ އިން މަދަދުވެރިވާ ޕޮލިސާރިއޯ ފްރަންޓުން ވަކި ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ހަނަފަސް ސަރަހައްދެކެވެ.
މޮރޮކޯ އިން އިޒްރޭލާއެކު ގުޅުން އުފެއްދުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު އާ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވާފައެވެ.
ޓްރަމްޕްވަނީ އެމެރިކާގެ ބޮޑު ދެ ރަހުމަތްތެރިން ކަމުގައިވާ އިޒްރޭލާއި މޮރޮކޯއާ ދެމެދު ފުރިހަމަ ސިޔާސީ ގުޅުން ގާއިމް ކުރެވިގެން ދިއުމަކީ މެދުއިރުމަތީގެ ސުލްހައަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރައްވާ ޓްވީޓް ކުރައްވާފައެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ބަހްރޭން އާއި ސޫދާނުންވެސް ވަނީ ފާއިތުވެ ދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ.
އިޒްރޭލާއެކު އަރަބި ގައުމުތަކުން ގުޅުން ބަދަހި ކުރަމުން ދިއުމާއެކު ފަލްސްތީނުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.