ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާތާ ބައިގަރުނު ވެފައިވާ އުމުރުން 64 އަހަރަށް އަޅާފައިވާ ހަސަން ޒަރީރަކީ މަސްވެރިކަމުގެ އެހާރާއި މިހާރު އެންމެ ފުރިހަމައަށް ދަންނަ އެއް ފަރާތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އައްޑޫ ސިޓީގެ މަރަދޫ "ކޮންކޯޑު" ދޯނީގައި 14 އަހަރު މަސައްކަތް ކޮށްފައިވާ އަދި ކުރަމުން އަންނަ ޒަރީރުގެ މަސްވެރިކަމުގެ ހަޔާތުގައި އެކި ދުވަސްވަރު ދިމާވެފައިވާ ތަފާތު އެކިއެކި ތަޖުރިބާ އޭނާ ވަނީ "ރާއްޖެއެމްވީ" އާއި ހިއްސާ ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ މަސްވެރިކަމަށް ޝައުގުވެރިކަން އުފެދިގެން އައި ގޮތް ކިޔައިދެމުން ޒަރީރު ބުނީ އެ ދުވަސްވަރަކީ އައްޑޫއިން އިނގިރޭސިން ފޭބި ދުވަސް ވަރު ކަމަށެވެ. އެގޮތުން އޭރު ރަށުގެ ހާލަތު ވަނީ މާލީގޮތުން ވަރަށް ދަތި ފައްތަރެއްގައި ކަމަށާ، އެއީ ވަރަށް ދަތި ދުވަސްވަރެއްގެ ގޮތުގައި ޒަރީރު ވަނީ ސިފަ ކޮށްފައެވެ.
މަސްވެރިކަން ފިޔަވާ އިތުރު ކަމެއް ނޯންނަ ކަމަށާއި، މި ޒަމާނުގައި ފަތުވެރިކަމާ އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރެވުނަސް، އެޒަމާނުގައި އާމްދަނީ ހޯދުމަށް ކުރެވޭނެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމަށް އޭނާ ކިޔައިދިނެވެ. އާއިލާގެ ހުރިހާ މެމްބަރުންވެސް އެދާއިރާގައި މަސައްކަތް ކުރަން ފެށުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރިޔާ ނަގައިގެން މަސްވެރިކަން ކުރަމުން އައި ޒަމާނުގައި ޒަރީރުގެ ޝައުގުވެރިކަންވެސް އެދިމާއަށް ދިއުމެވެ.
އޭރާއި މިހާރުގެ ތަފާތު ކިޔައިދެމުން ޒަރީރު ބުނެފައިވަނީ އޭރު މަސްވެރިކަންކޮށްފައިވަނީ ރިޔާ ނަގާފައިވާ ދޯނި ފަހަރު ތަކުގައި ކަމަށެވެ. ނަމަވެސް މިހާރު އިންޖީނުލީ ބޮޑެތި ދޯނިފަހަރު ބޭނުން ކުރަމުން އަންނައިރު ޒަމާނީ، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ވެފައިވާކަން ޒަރީރު ވަނީ ފާހަގަ ކޮށްފައެވެ.
އެންމެ ފާހަގަ ކޮށްލެވޭ ހަނދާނަކީ ކޮބައިކަން އަހާލުމާއެކު ޒަރީރު އެ ސުވާލުގެ ޖަވާބު ދީފައިވަނީ ވަރަށްވެސް އުފަލާއެކުގައެވެ.
ހަނދާނުން ފޮހެލަން ވަރަށް އުނދަގޫ ގިނަ ކަންތައްތަކެއް ތަޖްރިބާ ކުރެވުނު. އޭގެތެރެއިން ބައެއް ކަންކަން ހިއްސާކޮށްލާނަން. އެގޮތުން 2013ގަ "ކޮންކޯޑު" ދޯނިން ދިވެހިރާއްޖޭގެ ހުރިހާ ރިކޯޑެއް ހެދި. "އެއް ދުވަހަކަށް 22،000 ރުފިޔާ ފަޅުވެރިއަކަށް "ކޮންކޯޑު" ދޯނިން ލިބިފަ އެބައޮތް. ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ހުރިހާ ރިކޯޑެއް "ކޮންކޯޑު" ގައި އެބައޮތް 2013ގަ.ހަސަން ޒަރީރު![]()
މަސްވެރިކަމުގެ ސިނާއަތަކީ މިހާރުގެ ގިނަ ޒުވާނުންތަކެއް ޝައުވެރިކަން ފާޅުކުރަމުން އަންނަ ސިނާއަތެކެވެ. އެގޮތުން ފާހަނގަކޮށްލެވޭ އަދަދަކަށް ޒުވާނުން ދަނީ މިދާއިރާއަށް ނުކުންނަމުންނެވެ. އެގޮތުން ހަޔާތުގެ އެތައް ދުވަހެއް މަސްވެރިކަމުގައި ހޭދަކޮށްފައިވާ ޒަރީރު ޒުވާނުންނަށް ދޭ ނަސޭހަތަކީ ކިޔަވައިގެންވެސް މިދާއިރާއަށް އަންނާށޭ ބުނެ ދޭ ނަސޭހަތެވެ.
ޒަރީރު ފާހަގަ ކުރެއްވިގޮތުގައި މިއީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. އާއިލާގެ ޒިންމާ ފުރިހަމައަށް އަދާކުރަމުން ކުރެވޭނެ ހަރުދަނާ މަސައްކަތެއްގެ ގޮތުގައި ޒަރީރު ވަނީ މަސްވެރިކަން ސިފަކޮށްފައެވެ. އަދި ކޮންމެ މީހަކަށްވެސް ކުރަން ކެރިއްޖެނަމަ މިއީ ހަމަ އެންމެ ރަނގަޅު ވަޒީފާކަމަށް ޒަރީރު ވަނީ ބުނެފައެވެ.
މީގެ އިތުރުން ޒަރީރު ބުނީ، ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތާއި އެހެން ސިނާއަތްތަކަށް އިންވެސްޓަރުން ހޯދާ، އިންވެސްޓު ކުރާ ފަދައިން މަސްވެރިކަމަށްވެސް ފުދޭ މިންވަރަކަށް އިންވެސްޓު ކުރާނަމަ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ވިދާލައިގެން ދާނެކަމަށެވެ. އަދި މިހާރަށްވުރެ ގިނަ ޒުވާނުން މިދާއިރާއަށް ޝައުގުވެރިވެ އަންނާނެ ކަމަށް ޒަރީރު ބުންޏެވެ.