ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 13:14
ރާއްޖެ އަށް އައި ފަތުރުވެރިން ތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ރާއްޖެ އަށް އައި ފަތުރުވެރިން ތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުން
އެއްދުވަހާ 3،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފި
 
ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 471,699 ފަތުރުވެރިން ވަނީ އައިސްފައި
 
ބޯޑަރު ހުޅުވާލިފަހުން ޑިސެމްބަރ ހަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 88,852 ފަތުރުވެރިން ވަނީ އައިސްފައި
 
ޑިސެމްބަރ މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް 12,711 ފަތުރުވެރިން ވަނީ އައިސްފައި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ފުރަތަމަ ފަހަރަށް އެއްދުވަހާ 3،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ޑިސެމްބަރ މަހުގެ ހަ ވަނަ ދުވަހު ރާއްޖެއަށް 3،006 ފަތުރުވެރިން އައިސްފައެވެ. މިއާއިއެކު ޑިސެމްބަރ މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް 12,711 ފަތުރުވެރިން މިވަނީ އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރ މަސް ފެށުނު ފަހުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ ފަތުުރުވެރިން އާދެއެވެ. އެގޮތުން ޑިސެމްބަރ އެއްވަނަ ދުވަހު ރާއްޖެއަށް 2,031 ފަތުރުވެރިން އައިސްފައިވާއިރު، ޑިސެމްބަރ ދެވަނަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 1,455 ފަތުރުވެރިންނެވެ. އަދި މިމަހުގެ ތިންވަނަ ދުވަހު 1,613 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ރިޕޯޓްކުރެވިފައިވާއިރު، ހަތަރު ވަނަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 1,682 ފަތުރުވެރިންނެވެ. ޑިސެމްބަރ ފަސްވަނަ ދުވަހު 2,924 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި ފަތުރުވެރިންގެ 22 އިންސައްތަ ރަޝިއާއިން ހިއްސާކުރާއިރު، އެއީ 19,546 ފަތުރުވެރިންނެވެ. އަދި 13.9 އިންސައްތަ ހިއްސާ ކުރާ އިންޑިއާއިން މިހާތަނަށް 12,348 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. މި ގައުމުތަކުގެ އިތުރުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީ، ޖަރުމަނުވިލާތް، ޔޫކްރެއިން، ސްޕެއިން އަދި ފްރާންސްގެ އިތުރުން ބްރެޒިލްއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަނެފައިވާ އިރު، ފަތުރުވެރިންނަށް ހިދުމަތްދޭ 399 ފެސިލިޓީއެއް ވަނީ މިހާރު އޮޕަރޭޓްކުރަން ފަށާފައެވެ. އެއީ 135 ރިސޯޓާއި، ފަސް ހޮޓަލްގެ އިތުރުން، 124 ސަފާރީ އަކާއި 135 ގެސްޓްހައުސްއެވެ. އަދި މިހާރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 36,670 އެނދު އޮޕަރޭޓްކުރެއެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހު ސަލާމަތީ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެހެން ނަމަވެސް މި ހާލަތުގައިވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެ އަށް އޮތް ޑިމާންޑް އިތުރުވުމާއި ގުޅިގެން ގިނަ އެއަރލައިންތަކަކުންވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފައެވެ. އެގޮތުން މިހާރު 19 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައި އިތުރު ހަތް އެއަރލައިނަކުން ދަތުރުތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ޑިސެމްބަރ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 88,852 ފަތުރުވެރިން އައިސްފައިވާއިރު، ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 471,699 ފަތުރުވެރިން ވަނީ އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
75%
0%
0%
25%
0%
ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 00:26
ކިނބޫ
ޑޮލަރު އަގު ކިހާވަރެއް؟ ލަދުހަޔާތްވެސް މަދު އާލާތްގަނޑެއް.