ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުމުރާ ކުރުމަށް ހުޅުވާލުމާއެކު ސައުދީން ބޭރުން އުމްރާއަށް ދިއަ ފުރަތަމަ ބެޗް މަދީނާއަށް ހިނގައްޖެެއެވެ.
ހަރުދަނާ އުސޫލު ތަކަކާއިއެކު ހުރިހާ ގައުމަކުން އުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު އެވެ. ސައުދީ ގެޒެޓްގައި ބުނެފައިވަނީ އުމްރާކުރުމަށް މިފަހަރު ދިއަ މީހުންގެ ތެރޭގައި އިންޑޮނޭޝިއާ އަށް ނިސްބަތްވާ 135 މީހުން ހިމެނޭ ކަމަށެވެ.
މަދީނާއަށް ދެވުމާއެކު މަދީނާގައި އުމްރާ ކުރާ ފަރާތްތަކުން ތިން ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެކަމަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ވަނީ މީގެ ކުރިން އަންގާފައެވެ.
އުމްރާވެރިންނަށް މަސްޖިދުއް ނަބަވީއަށް ދެވޭނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ވަކި އުސޫލުތަކެއްގެ މަތިންނެވެ. އެއަށްފަހު ދަތުރުވެރިން މައްކާއަށް ގޮސް އުމްރާވުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ގާއިމް ކޮށްފައިވާ ސްރެޓެޖިކް ޕްލޭންގެ ދަށުން ތިން ވަނަ ފޭސްގައި އުމްރާކުރުމުގެ ފުރުސަތާއި ދެ ހަރަމަށް ޒިޔާރަތްކުރުމުގެ ފުރުސަތު 20،000 އުމްރާވެރިންނަށް ދޭނެ އެވެ. އަދި ހަރަމަށް ޒިޔާރަތްކޮށް އަޅުކަންކުރުމަށް 60،000 މީހުންނަށް ވަދެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގައި ކޮވިޑް–19 ގެ ބަލިމަޑުކަން ފެތުރުމާއެކު މައްކާގެ ހަރަމްފުޅު ބަންދުކުރުމަށްފަހު ހަތް މަސް ދުވަސްފަހުން ހަރަމްފުޅު ހުޅުވާލީ އޮކްޓޯބަރ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އެފުރުސަތު ހުޅުވާލީ ހަމައެކަނި އެގައުމުގައި އުޅޭ ފަރާތްތަކަށެވެ.