ޗައިނާގެ ސިނޮވެކް ބަޔޯޓެކް ކުންފުނިން އޯޑަރުކުރި ކޮވިޑް ވެކްސިން ޑޯޒްތަކުގެ ފުރަތަމަ ބެޗް އިންޑޮނޭޝިއާއަށް ލިބުނުކަން އެ ގައުމުގެ ރައީސް ޖޯކޯ ވިދޯދޯ އިއުލާނުކުރައްވައިފިއެވެ.
ދެކުނުއިރުމަތީ އޭޝިއާ ގައުމުތަކުގެ ތެރެއިން ކޮވިޑު ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އިންޑޮނޭޝިއާއަށް، އާދިއްތަ ދުވަހުގެ ވަގުތެއްގައި މި ވެކްސިންގެ 1.2 މިލިއަން ޑޯޒްވަނީ ލިބިފައެވެ. މި ޑޯޒްތައް ލިބުނުކަން އިއުލާނުކޮށް އާންމުކުރި ނޫސް ބަޔާނުގައި، ޖެނުއަރީ މަހުގެ ކުރީކޮޅު މި ވެކްސިންގެ އިތުރު 1.8 މިލިއަން ޑޯޒް ލިބޭނެކަމަށް ރައީސް ވިދޯދޯ ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ވެކްސިންގެ 45 މިލިއަން ޑޯޒް އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްސް ސިނޮވެކުން ފޮނުވަން ހަމަޖެހިފައިވާ ކަމަށާއި، މި ވެކްސިން ޑޯޒްތައް ތައްޔާރުކުރާނީ އިންޑޮނޭޝިއާގެ ޕީޓީ ބަޔޯ ފަރމާއިންކަމަށް ވިދޯދޯ ވިދާޅުވިއެވެ.
ޗައިނާގެ ސިނޮވެކް ކުންފުނީގެ އިތުރުން އެހެން ތިން ސަޕްލަޔަރެއްގެ އަތުން ވެކްސިން ގަތުމަށްވެސް އިންޑޮނޭޝިއާއިންވަނީ އޯޑަރު ޖަހާފައެވެ. އޭގެ ތެރޭގައި މިހާރު އިމަރޖެންސީ އެޕްރޫވަލް މަރުހަލާގައި އުޅޭ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ ވެކްސިން ހިމެނެއެވެ.
އިންޑޮނޭޝިއާ ސަރުކާރުން އަމާޒުހިފާފައިވަނީ 2022 ވަނަ އަހަރުގެ ކުރިން އެ ގައުމުގު 120 މިލިއަން ރައްޔިތުންނަށް ހިލޭ ވެކްސިން ޖަހައިދިނުމަށެވެ. އަދި އެކަމަށްޓަކައި އިންޑޮނޭޝިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %0.5 އާއި %1 އާ ދޭތެރޭގެ އަދަދަކަށް ފައިސާ ހަރަދުކުރުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ މާލީ ވަޒީރު ސްރީ މުލްޔާނީ އިންދްރާވަތީވަނީ ވިދާޅުވެފައެވެ.
ވެކްސިން ޖަހާނެ ތަރުތީބެއް އިންޑޮނޭޝިއާ ސަރުކާރުން އެކުލަވާލާފައިވާއިރު، މިހާރު ރޭވިފައި އޮތްގޮތުން މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާނީ ސިއްހީ މަސައްކަތްތެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިތުރުން ސިވިލް ސަރވަންޓުންނަށެވެ. އެއަށްފަހު ވެކްސިން ޖަހާނީ ސިއްހީ މައްސަލަތައް ނުހުންނަ 18-59 ދެމެދުގެ މީހުންނަށެވެ. މިކަމަށް ޖުމްލަ 246 މިލިއަން ވެކްސިން ޑޯޒް ބޭނުންވާނެ ކަމަށް އިންޑޮނޭޝިއާ ސަރުކާރުން ލަފާކުރެއެވެ.