Advertisement
ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 04:16
ޔާމީނަށް ހަމަލާދީ، އޭނާ މަރާލި ކަމަށް ތުޙުމަތުކުރެވޭ ދެމީހުން
ޔާމީނަށް ހަމަލާދީ، އޭނާ މަރާލި ކަމަށް ތުޙުމަތުކުރެވޭ ދެމީހުން
ޕޮލިސް
ޔާމީން މަރާލުން
ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!
ބަޔާންތަކުގައިވަނީ މައްސަލައާއި ގުޅޭ ޚަބަރާއި މަންޒަރު ނުދެއްކުމަށް އިލްތިމާސްކޮށްފަ
ބްރޯޑްކޮމް އިން ވަނީ މި މައްސަލައިގެ ތެރެއަށް އަބުރުގެ ޤާނޫނު ވައްދާފަ
ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކުރެވެނިސް އެމީހުންގެ ފޮޓޯ އާންމުކޮށްފަ

އަނިޔާވެރި ހަމަލާއެއްދީ މަރާލާފައިވާ ލިޔުންތެރިޔާ އަދި އެކްޓިވިސްޓް، ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ، 29އ) ގެ މަރުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑިއާތަކުން ހިއްސާ ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން "އިލްތިމާސް" ކޮށްފިއެވެ.

 

އަންގާރަ ދުވަހުގެރޭ ފުލުހުން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ، ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ މި ނާޒުކު ވަގުތުގައި އެ ހާދިސާ އާއި ގުޅޭގޮތުން އެކި ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ޚަބަރާއި މައުލޫމާތު މީޑިއާގެ ފަރާތްތަކުން ރައްޔިތުންނާއި ހިއްސާކުރުމުން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ އެފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑިއާތަކުން ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރާ ކަމަށެވެ.

 

މި މައްސަލައާއި ގުޅޭގޮތުން އެކި ޥާހަކަތައް ނުފެތުރުމަށް އެދި ފުލުހުން ހޯމަ ދުވަހު ބަޔާނެއްވެސް ނެރެފައިވާއިރު، އެ ބަޔާނާއި ހަވާލާދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަމަ އެއާއިއެކު ބްރޯޑްކޮމްގެ ބަޔާނުގައި ވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އިމުގެތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް "ނަސޭހަތްތެރި" ވާކަމަށެވެ.

 

ފުލުހުންގެ ޓްވީޓްތަކާއި، އަދި ޚާއްސަކޮށް ބްރޯޑްކޮމްގެ ބަޔާނަކީ މި ނާޒުކު ދަނޑިވަޅުގައި ނޫސްވެރިންނަށް އެމީހުންގެ ޒިންމާ އުފުލުމަށް ހުސްއެޅޭގޮތަށް ބިރުދެއްކުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ގިނަ ނޫސްވެރިންތަކެއް ބުނަމުންދާއިރު، ފުލުހުން މިފަދަ ޓްވީޓްތަކެއްކޮށް، ބްރޯޑްކޮމް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގެ ބައެއް މީޑީއާތަކުން މި މައްސަލައިގައި ލިބުނު މައުލޫމާތުތަކާއި، ވީޑިއޯ އަދި ތަސްވީރުގެ އެހީގައި މައްސަލައާއި ގުޅޭ ތަހުގީގީ ރިޕޯޓްތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖެއެމްވީއިން އަންގާދަ ދުވަހުގެ މެންދުރު ފަހު، އަދި ރާއްޖެޓީވީން އަންގާރަދުވަހުގެރޭ މި ހަމަލާގެ ޓައިމްލައިނެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ބައެއް އެހެން އޮންލައިން ނޫސްތަކުންވެސް ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި މި ހަމަލާ އާއި ގުޅޭ ރިޕޯތްތައް ގެނެސްދެމުންނެވެ.

 

ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ ތަހުގީގަށް ހުރަސްއެޅޭފަދަ މައުލޫމާތު ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ތަސްވީރު މީޑިއާތަކުން ހިއްސާ ނުކުރުމަށް ފުލުހުން "އިލްތިމާސް" ކޮށްފައިވާއިރު، މި މައްސަލަ އާއި ގުޅޭ ސީސީޓީވީ ފުޓޭޖާއި، ޔާމީންއަށް ހަމަލާދިންކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ ފޮޓޯ، އެމީހުން ހައްޔަރު ނުކުރެވެނިސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 އޭޕްރިލް 2017 | ބުދަ 16:10
ނޭނގުނު
މިއީ އިލްތިމާސެއްތަ އިންޒާރެއްތަ؟ ޝަހީބު މީ ކޯއްޗެއް ހިއްޕަވައިގެން އުޅޭ މީހެއް. 48 ގަޑީރުތެރޭ ފުލުހުންނަށް ހޯދުނީ ޝަމްސުއްދީނު ޒަމާނުގެ ދެ އެކްސްރޭ. ރާއްޖެޓީވީގެ ތަހުގީގު މާ ފުރިހަމަވީމަ ޖޭވަނީ
26 އޭޕްރިލް 2017 | ބުދަ 07:43
ސާބަސަ
ރަގަޅު ވާހަކައެއް. ހަފަރާތުގެ މައުލޫމާތު ލިބިގެންވެސް އިންސާފު ލިބޭތޯ ބަލަންވީ.