ކ. މާލެ
|
6 ޑިސެންބަރ 2020 | އާދީއްތަ 08:16
އިންޑިޔާގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
އިންޑިޔާގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
އިންޑިޔާގެ ދަނޑުވެރިންގެ މުޒާހަރާތައް
އިންޑިޔާގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ބުނެފި
ދަނޑުވެރިން ވަނީ އަންގާރަ ދުވަހު މުޅި އިންޑިޔާގައި މުޒާހަރާކުރާނެ ކަމަށް އިއުލާންކޮށްފައި
އިތުރަށް މަޝްވަރާކުރުމަށް ބުދަ ދުވަހު ސަރުކާރާއި ދަނޑުވެރިން އަނެއްކާވެސް ބައްދަލުކުރާނެ
ދަނޑުވެރިން ބުނަނީ އައު ބަދަލުތަކުގެ ސަބަބުން އެ މީހުން ކާންބޯން ކުރާ މަސައްކަތަށް ހުރަސްއެޅޭނެކަމަށް

ދަނޑުވެރިކަމާއި ގުޅޭގޮތުން އަލަށް އެކުލަވާލާފައިވާ ޤާނޫނުގައި ހުރި ކަންތައްތަކަކާއި ގުޅޭގޮތުން އިންޑިޔާގެ ދަނޑުވެރިންނާ ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތައް ކޮޅެއްގައި ނުޖެހުމުގެ ސަބަބުން ދަނޑުވެރިން ކުރަމުންދާ މުޒާހަރާތައް ވަރުގަދަކުރާނެކަމަށް އެ މީހުން ބުނެފިއެވެ.

އަލަށް އެކުލަވާލާފައިވާ ޤާނޫނުގައި ދަނޑުވެރިން ހައްދާތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރަށް އޮތް ބާރު ގެއްލިގެންދާގޮތަށް މިހާރު އޮތްއޮތުން ބަދަލުކުރުމަށް ސަރުކާރުން ބޭނުންވެއެވެ. ނަމަވެސް އެކަމަށް ދަނޑުވެރިން އަންނަނީ ދެކޮޅުހަދަމުންނެވެ.

ސަރުކާރުން ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް ދަނޑުވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައިސްފައިނުވާއިރު, ދަނޑުވެރިން ވަނީ އަންގާރަ ދުވަހު މުޅި އިންޑިޔާގައި މުޒާހަރާކުރާނެކަން އިއުލާންކޮށްފައެވެ. އެ މީހުން ބުނަމުން އަންނަނީ އެ ޤާނޫނު ބާތިލްނުކޮށްފިނަމަ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެކަމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ބުދަ ދުވަހު ސަރުކާރާއި ދަނޑުވެރިން އަނެއްކާވެސް ބައްދަލުކުރާނެއެވެ.

އެތައް ހާސް ދަނޑުވެރިންނެއް ބުނަމުން އަންނަނީ ހައްދާތަކެތީގެ އަގު ކޮންޓްރޯލްކުރާނަމަ އެ މީހުންނަށް ފައިދާއެއް ނުވާނެކަމަށެވެ. އަދި އެ މީހުންނަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށަށްދާނެކަމަށް ދަނޑުވެރިން އަންނަނީ ބުނަމުންނެވެ. މުޒާހަރާކުރާ މީހުންވަނީ ދިއްލީގެ ހައިވޭތައް ފާއިތުވި 10 ދުވަހު ބަންދުކޮށްފައެވެ.

ދަނޑުވެރިން ބުނަމުން އަންނަނީ އައު ޤާނޫނުގެ ސަބަބުން ސަރުކާރުން ހަނޑޫފަދަ ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގުގައި އެތަކެތި ގަތުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށެވެ. އަދި އެއާއެކު އެތަކެތީގެ އަގު ދަށަށްދާނެ ކަމަށް ދަނޑުވެރިން ބުނެއެވެ.

ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ މިބަދަލާއެކު ދަނޑުވެރިންނަށް ފައިދާވާނެ ކަމަށެވެ. އަދި ދަނޑުވެރިން ހައްދާތަކެތި މާރކެޓްކޮށް ހައްދާތަކެތި ޕްރައިވެޓް އިންވެސްޓްމަންޓް މެދުވެރިކޮށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް