ކޮވިޑް-19 އުފައްދާ ވެކްސިން ރައްކާކޮށްފައި ބަހައްޓާނެ ސްޓޯރޭޖް ފެސިލިޓީތައް އިންޑިޔާގެ އެކިކަންކޮޅުތަކުގައި ހަދަމުން އަންނައިރު, ޑިސެމްބަރ މަހުގެ ފަހުކޮޅު ދިއްލީގެ ސްޓޯރޭޖް ފެސިލިޓީއަށް ވެކްސިންގެ ފުރަތަމަ ބެޗް އަންނާނެކަމަށް ދިއްލީގެ އޮފިޝަލުން ބުނެފިއެވެ.
ރަޖީވް ގާންދީ ސުޕަރ ސްޕެޝިލިޓީ ހޮސްޕިޓަލްގެ އޮފިޝަލުން ބުނާގޮތުން ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ހޮސްޕިޓަލްގައި ވަކި ފެސިލިޓީއެއްވަނީ ގާއިމުކޮށްފައެވެ. ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ފެސިލިޓީއަކީ 5000 ސްކުއަރ މީޓަރުގެ ސަރަހައްދެއްކަމަށް އެ މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރ ބީއެލް ޝްރެވަލް ވިދާޅުވިއެވެ.
ޝްރެވަލް ވިދާޅުވީ ފެސިލިޓީ ހަދަމުންދަނީ އެކި ވެކްސިންތައް ރައްކާކޮށްފައި ބެހެއްޓޭނެ ފިނިހޫނުމިނަށް ބަލައިގެން އެގޮތަށްކަމަށެވެ. ކްލިނިިކަލް ޓްރެއަލްގައި ހުރި ކޮވިޑްގެ އެކި ވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހެނީ އެކި ފިނިހޫނުމިނުގައެވެ.
ޝްރެވަލް ވިދާޅުވީ ޑީޕް ރެފްރިޖެރޭޓަރތައް ހުންނާނީ 20- ޑިގްރީ ސެލްސިޔަސްއާއި 70- ޑިގްރީ ސެލްސިޔަސްއާ ދެމެދުގައިކަމަށެވެ. މީގެ އިތުރުން އާންމުގޮތެއްގައި މެޑިކަލް ސާމާނު ރައްކާކުރެވޭ ގޮތަށް ހުންނަ ރެފްރިޖެރޭޓަރުތައްވެސް ބަހައްޓާނެކަމަށް ޝްރެވަލް ވިދާޅުވިއެވެ.
ޑީޕް ރެފްރިޖެރޭޓަރުތައް ޑިސެމްބަރ މަހުގެ މެދުތެރޭގައި ލިބޭވަރުވާނެ ކަމަށާއި ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް ކުރިޔަށް އޮތް ދުވަސްތަކުގައި ނިންމާލެވޭނެކަމަށް ޝްރެވަލް ވިދާޅުވިއެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ފެސިލިޓީގައި ބަހައްޓާ ރެފްރިޖެރޭޓަރުތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ވަޔަރިންގގެ މަސައްކަތް ކަމަށް ޝްރެވަލް ވިދާޅުވިއެވެ.
ނިއު ދިއްލީން ވަނީ އެހެން ސްޓޭޓްތަކުގައި މީގެކުރިން ހުރި ސްޓޯރޭޖް ފެސިލިޓީތަކާއި ރެފްރިޖެރޭޓެޑް ވޭންތައް ހުރި ހާލަތު ބެލުމަށް އަންގާފައެވެ. މިއީ މީގެކުރިން ކުރިޔަށް ގެންދިޔަ ޔުނިވަރސަލް އިމުޔުނިޒޭޝަން ޕްރޮގްރާމްގައި ބޭނުންކުރި ތަންތަނާއި ތަކެއްޗެވެ. އެ ޕްރޮގްރާމްގެ ދަށުން 28،000 ސްޓޯރޭޖް ފެސިލިޓީތަކާއި 700 ރެފްރިޖެރޭޓެޑް ވޭން ވަނީ ބޭނުންކޮށްފައެވެ.
ނިއުދިއްލީން ނިންމާފައިވަނީ އެންމެ ފުރަތަމަ ލިބޭ ވެކްސިން ޖަހާނީ މުޅި އިންޑިޔާގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ކަމަށެވެ.
ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފަސް ވެކްސިނެއް މިހާރުވެސް އިންޑިޔާގައި އަންނަނީ ކްލިނިކަލް ޓްރެއަލްގައި ޓެސްޓް ކުރަމުންނެވެ. އެ ވެކްސިންތަކަކީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ވެކްސިންނާއި، އިންޑިޔާގެ ބަހާރަތް ބައޯޓެކް އަދި ޒައިޑަސް އިން އުފައްދަމުން އަންނަ ވެކްސިންނެވެ. އަދި ރަޝިޔާގެ ސްޕަޓްނިކް-ވީ އާއި ބައޮލޮޖިކަލް އީ އިން އުފައްދަމުން އަންނަ ވެކްސިނެވެ.