ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން އަންގާރަދުވަހު ހަވީރު އާއްމުކުރި ވީޑިއޯގައި ޔާމީން ދިރިއުޅޭ ގޭގެ ބޭރު ދޮރުން ދެމީހަކު އެތެރެއަށް ވަންނަ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ މި ސީސީޓީވީ ފުޓޭޖަކީ ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައާއިގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ޔާމީން ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 2:59 ހާއިރު ކަމަށެވެ. ފުލުހުންނަށް އެ މައުލޫމާތު ލިބުމާއެކު ޔާމީން އޮތް ތަނަށް ގޮސް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށްވެސް ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވީ މިމައްސަލާގައި ބޭނުންވާ މުހިއްމު ހެކިތަކެއް ލިބި ބައެއް ފިޒިކަލް ސާމްޕަލް ވެސް ލިބިފައިވާ ކަމަށެވެ. އަދި މިމައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށްވެސް ނަވާޒް ވަނީ އެދިވަޑައިގެންފަ އެވެ.
ފުލުހުން ބުނީ މި ވީޑިއޯގައި ފެންނަ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ އެ މައުލޫމާތެއް ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.
ބޮޑެތި ޒަޚަމް ތަކަކާއިއެކު ގައިގެ އެތަން މިތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޔާމީން ރަޝީދު، މަރާލާފައި އޮއްވާ ފެނުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ ގޭގެ ސިޑި ގޮޅިންނެވެ.
ޔާމީންގެ ހަށިގަނޑަށް ތޫނު އެއްޗަކުން ބޮޑެތި ޒަހަމުތަކެއް ދީފައިވާއިރު، އޭނާގެ މޭމަތީގައި އެކަނިވެސް 14 ތަނަކަށް ވަޅިހަރައި ވަރަށް ފުން ޒަހަމްތަކެއް ދީފައި ހުރި ކަމަށް ޔާމީންގެ ބައްޕަ ރާއްޖެޓީވީއަށް ކިޔައިދީފައިވެއެވެ.