ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 1.5 މިލިއަނަށް އަރާފައިވާއިރު މީގެތެރެއިން ތިން ބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ ފާއިތުވި ދެ މަސް ދުވަހުއެވެ.
މުޅި ދުނިޔެއިން 65 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10،000 މީހުން ވަނީ މަރުވެފައެވެ.
ވައިރަސް ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލްވެފައި ނުވާއިރު ބައެއް ގައުމުތަކުން އަންނަނީ ވެކްސިން ބޭނުންކުރުމަށް ތައްޔާރުވަމުންނެވެ. އަނެއްކޮޅުން އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް ވިދާޅުވެފައިވަނީ ވެކްސިން ލިބުނު ކަމުގައިވިޔަސް ވައިރަސް އިން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އަދި އެތައް އަހަރެއް ހޭދަވާނެކަމަށެވެ.
އަނެއްކޮޅުން ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ލޮކްޑައުން އާއި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތައް މިހާރު ވެސް އަޅަމުންނެވެ.
އިޓަލީ:
ބުދަ ދުވަހު އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޯންޓޭ ވަނީ ކުރިޔަށް އޮތް ކްރިސްމަސްގައި ކޭސްތައް އިތުރުވެގެން ހިނގައިދާނތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އައު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން މުޅި އިޓަލީގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ޑިސެމްބަރ މަހުގެ 21 ން ފެށިގެން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް މަނާ ވާނެއެވެ. އަދި ޓައުން ތެރޭގައިވެސް މީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ޑިސެމްބަރ މަހުގެ 25 އަދި 26 ވަނަ ދުވަހު މަނާ ވާނެއެވެ.
މީގެ އިތުރުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާ:
އެމެރިކާގައި ވައިރަސް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވުމާއެކު އެގައުމުގައިވެސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރުފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.
އެގޮތުން އިންތިޚާބުވެފައިވާ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ އޮފީހާ ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްކު އެޅުން މަޖުބޫރު ކުރާނެކަމަށެވެ.
ގައްޒާ:
ގައްޒާގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއެކު މި ހަފްތާ ބަންދުން ފެށިގެން ގައްޒާ ލޮކްޑައުންކުރާނެއެވެ.
އެގޮތުން މިސްކިތްތަކާއި ސްކޫލްތައް ދުވާކު ގަޑިތަކުގައި ބަންދުކުރާއިރު ވިޔަފާރިތައް ހުންނާނީ ހުޅުވާފައެވެ. ނަމަވެސް އެއީ ރޭގަނޑު ކާފިއު ފެށުމާ ހަމައަށެވެ. ރޭގަނޑު ގަޑީގައި ކާފިއު ހިންގާއިރު އާންމުންނަށް ތިބެންޖެހޭނީ ގޭގައެވެ. ގައްޒާ އެއްކޮށް ލޮކްޑައުންކުރުމަށްވެސް އަންނަނީ ވިސްނަމުންނެވެ.
އިރާން:
އިރާނުން ބުރާސްފަތި ދުވަހު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އިރާނުގެ އޮފިޝަލުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ތައްޔާރުވަމުންނެވެ.
ދެކުނު ކޮރެއާ:
ދެކުނު ކޮރެއާގައި އެއް ދުވަހާ ވައިރަސް ޖެހުނު މީހުންގެ އަދަދު 629 ށް އެރުމާއެކު އެގައުމުން އަންނަނީ ގައިދުރުކަން ގެންގުޅުމުގެ ފިޔަވަޅު އިތުރަށް ވަރުގަދަ ކުރަމުންނެވެ.
އެ ގައުމުގައި ކޭސްތައް އިތުރުވާން ފެށުމުން ފާއިތުވި މަސްތަކުގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް އެފިޔަވަޅުތަކާއެކުވެސް ކޭސްތައް އިތުރުވާން ފެށުމުން މި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.