އެމެރިކާގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ލައްކައަކަށް ވުރެން މައްޗަށް ފުރަތަމަ ފަހަރަށް އަރައިފިއެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބުރާސްފަތި ދުވަހު ވަނީ 14 މިލިއަނަށް އަރާފައެވެ. ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ކެލިފޯނިއާ ސްޓޭޓްގެ ރައްޔިތުން ގޭގައި ތިބުމަށް އަމުރުކޮށްފައެވެ. އެއީ އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކުއެވެ.
ކެލިފޯނިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިއެޅި ފިޔަވަޅަކީ މުޅި އެމެރިކާގައިވެސް ކުރިޔަށް އޮތް ތަނުގައި އެ ސަރަހައްދެއްގެ އައިސީޔޫގައި އެޑްމިޓްކުރާ މީހުންގެ އަދަދު 15 އިންސައްތަ ނުވަތަ އެއަށްވުރެ ދަށަށްދަންދެން އަޅަމުންދާނެ ފިޔަވަޅުތަކެވެ. މި ފިޔަވަޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޮމް ވިދާޅުވީ ދެކުނު ކެލިފޯރނިއާ ހިމެނޭގޮތުން ހަތަރު ސަރަހައްދެއްގައި އައިސީޔޫގައި އެޑްމިޓްކުރާ މީހުންގެ އިންސައްތަ 15 އިންސައްތައަށް އަރާފައިވާކަމަށެވެ.
ގޭގައި ތިބުމުގެ ފިޔަވަޅު ކުރިޔަށްދާނީ 48 ގަޑިއިރުގެ ނޯޓިސްއެއް ދިނުމަށްފަހުއެވެ. އަދި ތިން ހަފްތާ ވަންދެން މިފިޔަވަޅު ކުރިޔަށްދާނެއެވެ. ކެލިފޯނިއާއަކީ އެމެރިކާގައި އެންމެ އާބާދީ ބޮޑު ސްޓޭޓެވެ. އެ ސްޓޭޓްގައި 40 މިލިއަން މީހުން ދިރިއުޅެއެވެ.
ކެލިފޯނިއާގެ ގަވަރުނަރު ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު ފިޔަވަޅު ނާޅައިފިނަމަ ހޮސްޕިޓަލްތައް ފުރޭނެކަމަށެވެ. އަދި އެއާއެކު ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ބޮޑުތަނުން މައްޗަށްދާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
މި ފިޔަވަޅާއެކު މީހުންނަށް ބޭރަށް ނިކުމެވޭނީ ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި ގަތުމަށް އެކަންޏެވެ. އަދި އެކްސަރސައިޒް ކުރުމަށްވެސް ވަކިވަކި ފަރުދުންނަށް ބޭރަށް ނިކުމެވޭނެއެވެ. މި ނިންމުމާއެކު ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ބޭއްވުންވެސް މަނާ ވާނެއެވެ.
ގަވަރުނަރު ވިދާޅުވީ މި ފިޔަވަޅުތައް ވެގެންދާނީ ވަގުތީ ފިޔަވަޅުތަކެއް ކަމަށެވެ. އެއީ ވެކްސިނެއް ލިބުން ކައިރިވެފައިވުމާއެކު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ވެކްސިން އެންމެ ފުރަތަމަ ލިބޭނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި ނަރސިންގ ހޯމްތަކުގައި ތިބި މީހުންނަށެވެ. ވެކްސިން ލިބޭވަރުވާނީ މި މަހުގެ މެދު ތެރޭގައި ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.
އެމެރިކާގައި ބުދަ ދުވަހު ވަނީ 2811 މީހުން މިބަލީގައި މަރުވެފައެވެ. މިއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިކޯޑްކުރި ދެ ވަނަ ދުވަހުއެވެ. މި ރިކޯޑް ކުރިން ގާއިމުކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.