ރަޝިއާއިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
ސިޔާސީ ކޯޅުމުގެ ތެރޭގައި އެމެރިކާ އަދި ރަޝިއާ އިން އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު މިފަހަރުގެ ތުހުމަތު މިއައީ އެމެރިކާއިން ސިއްރިއްޔާތުގައި ޓެރަރިސްޓުންނަށް ވާގިވެރިވާ ކަމަށް އިރާނުން ބުނެފައިވަނިކޮށެވެ.
އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ރަޝިއާއިން ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދެނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ބަލިކަށިކޮށް ނެތިކޮށްލުމަށެވެ.
އަފްޣާނިސްތާނުގައި ޤާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބާރުތަކުގެ ވެރިޔާ ޖެނެރަލް ޖޯން ނިކޮލްސަން ވިދާޅުވީ ރަޝިޔާއިން ތާލިބާން ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދެމުންދަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކަމަށެވެ.
ޖޯން ވިދާޅުވީ ރަޝިއާ އިން އެކަންކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް ވެސްވަނީ އަފްޣާނިސްތާނުގައި ހަމަނުޖެހުން ހިންގުމަށް ރަޝިއާ އިން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މާޓިސް ވިދާޅުވީ މައްސަލަ ޙައްލުކުރަން މަސައްކަތްކުރާނެ ކަމަށެވެ. އަދި މައްސަލަ ހައްލުނުވެއްޖެނަމަ ރަޝިޔާއާ ކުރިމަތިލާންވެސް އެމެރިކާ ތައްޔާރަށް އޮތް ކަމަށް މާޓިސް ވިދާޅުވިއެވެ.
އެމެރިކާ އިން ތާލިބާން ހަނގުރާމަވެރިން ނައްތާލަން މަސައްކަތްކުރާތާ ފަނަރަ ވަރަކަށް އަހަރު ވެދާނެއެވެ. ނަމަވެސް އެމެރިކާއާ ގުޅިފައިވާ ނޭޓޯގެ ބާރުތަކުން މިހާތަނަށް ކުރި މަސައްކަތްތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އެމެރިކާ އެކޭ އެއްގޮތަށް ރަޝިޔާވެސް ދެކެނީ ތާލިބާނުންނަކީ ހަރުކަށި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާއާއި ރަޝިޔާއާ ދެމެދު މިހާރު އުފެދިފައިވާ ކޯޅުންގަނޑުގެ ސަބަބުން އެފަދަކަމެއް އެގައުމުން ކޮށްފާނެ ކަމަށް މުރާސިލުން ދެކެއެވެ.
އެމެރިކާގެ މި ތުހުމަތުތައް ރަޝިއާ އިން ދޮގުކުރެއެވެ. ރަޝިއާ އިން ބުނާގޮތުގައި އެމެރިކާގެ އެވާހަކަތަކަކީ ތާލިބާނުންގެ މައްޗަށް ކާމިޔާބު ނުހޯދުމުން ބަހަނާ ދައްކަން އެމެރިކާ އިން ކުރާ ކަމެކެވެ.
ދެގައުމުގެ ގުޅުން ހީނަރު ވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ގޮތުންވެސް އެތައްކަމެއް ދަނީ ކުރަމުންނެވެ.
އެގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހުށަހެޅުންތަކާއި ނިންމުންތަކަށް ޖެއްސުން ކުރުމުގެ ގޮތުން ރަޝިޔާ އިން ގެންދަނީ އެމެރިކާ އިން ފާސްކުރަން ބޭނުންވާ ގަރާރުތައް ވީޓޯކޮށް ހަދަމުންނެވެ.