ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 11:55
ލަންކާ ޖަލުގައި ކުރިއަށްގެންދިޔަ މުޒާހަރާ
ލަންކާ ޖަލުގައި ކުރިއަށްގެންދިޔަ މުޒާހަރާ
އޭޕީ
ލަންކާ ޖަލެއްގައި ހިންގި ހަމަނުޖެހުން
ލަންކާ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 8 މީހަކު މަރުވެއްޖެ
މަހާރަ ޕްރިޒަންގައި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ހޯމަ ދުވަހު
މިހަމަނުޖެހުމުގެ ތެރޭގައި 8 މީހުން މަރުވެފައިވާއިރު 55 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ
މަހާރަ ޕްރިޒަންއިން އެކަނިވެސް 1000 މީހުން ކޮވިޑް ޖެހިފައިވާއިރު 2 މީހަކު ވަނީ މަރުވެފަ

އަވަށްޓެރި ސްރީލަންކާގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލު ކަމަށްވާ މަހާރަ ޕްރިޒަންގައި, ކޮވިޑް އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ލަންކާގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި 8 މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހުޅަނގު ޕްރޮވިންސްގައި ހުންނަ މަހާރަ ޕްރިޒަންގައި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މިހަމަނުޖެހުމުގެ ތެރޭގައި 8 މީހުން މަރުވެފައިވާއިރު 55 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ގާޑުން ވަނީ ބަޑިޖަހައި ކަމަށާއި އަދި ޖަލުގައި ވަނީ އަލިފާން ވެސް ރޯކޮށްފައި ވާކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

ޑެޕިއުޓީ އިންސްޕެކްޓަރު އަޖިތު ރޯހަނާ ވިދާޅުވީ ޖަލުގެ ހަމަނުޖެހުމުގައި ޒަޚަމްވި މީހުން ވަނީ ރަގަމާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ޕޮލިސް ކޮމާންޑޯއިންގެ އެލީޓް ޓީމަކުން މިހާރު ދަނީ ޖަލުގެ ސަރަހައްދު ބަލަހައްޓަމުން ކަމަށެވެ.

ލަންކާ އިން މިހާތަނަށް 23987 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 118 މީހުން ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަހާރަ ޕްރިޒަންއިން އެކަނިވެސް 1000 މީހުން ކޮވިޑް ޖެހިފައިވާއިރު 2 މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.

ޖަލުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ މީގެ ކުރިން ވެސް ވަނީ ހަމަނުޖެހުންތައް ހިންގައިފައެވެ. އެގޮތުން ވެލިކަޑަ ޖަލުގައި ވެސް ދާދި ފަހުން ބަޔަކު ވަނީ ޖަލުގެ ފުރާޅަށް އަރައި ހަމަނުޖެހުން ހިންގައިފަ އެވެ. އަދި އަގުނަކޮލަޕަލަސާ ޖަލުގައި ވެސް ދާދި ފަހުން ވަނީ ގައިދީންތަކެއް ހަފްތާއެއް ވަންދެން މުޒާހަރާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
- ކޮމެންޓް