އެމެރިކާގެ މޮޑަރނާ ކުންފުނިން ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިންގެ އިމަރޖެންސީ ބޭނުމަށް ހޯދުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގައި ހޯމަ ދުވަހު އެދެފިއެވެ.
މޮޑަރނާ އިން ކޮވިޑް-19 އަށް ތައްޔާރުކުރާ މެސެންޖަރ އާރްއެންއޭ ވެކްސިންގެ އެންމެ ފަހުގެ ކްލިނިކަލް ޓްރަޔަލްތައް ދައްކާގޮތުން އެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެވެ. އެގޮތުން ވެކްސިންގެ ނަތީޖާ އާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ވެކްސިންގެ ކްލިނިކަލް ޓްރަޔަލް 30،000 ވޮލެންޓިއަރުންނާއި އެކު ކުރިއަށް ގެންގޮސްފައިވާ އިރު، ޓްރަޔަލްގައި ބައިވެރިވި ކޮންމެ މީހަކަށްވެސް ދީފައި ވަނީ ވެކްސިންގެ ދެ ޑޯޒެވެ. އެގޮތުން ދެ ވަނަ ޑޯޒް ދީފައި ވަނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.
މޮޑަރނާގެ ވެކްސިންގެ މަސައްކަތް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާއިރު، އެމެރިކާ ސަރުކާރުން ވަނީ ވެކްސިން ތައްޔާރުކުރުމަށް އެއް ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. އަދި ވެކްސިންގެ ރައްކާތެރި 100 މިލިއަން ޑޯޒް، ފޯރުކޮށްދިނުމުން އިތުރު 1.5 ބިލިއަން ޑޮލަރު ދޭނެ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.
މޮޑަރނާ ވެކްސިންގެ މަސައްކަތް މި އަހަރުގެ ޖެނުއަރީ މަހު ފަށާފައިވާއިރު، ވެކްސިންގެ ފޭސް ތިނެއްގެ މަސައްކަތް ފަށާފައި ވަނީ ޖުލައި 27 ގައެވެ. ވެކްސިންގެ ޓްރަޔަލްތައް އެމެރިކާގެ 89 ސަރަހައްދެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.