ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި ހައްޔަރުކޮށް މިހާރު ގޭ ބަންދުގައި ހުންނެވި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީޢަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޒައިދުލް އަމީން ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޝަރީޢަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޒައިދުލް އަމީން ބެހެއްޓުމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް އަމުރު ކުރެއްވީ އެގޮތަށް ޕްރޮސިކިޔުޓާ ޖެނަރަލްގެ ފަރާތުން އެދުމުންނެވެ. އެގޮތަށް އަމުރު ނެރުނުއިރު ޒައިދުގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ،
ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ދެ ވަނަ ޝަރީޢަތް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މޭ މަހުގެ ދެ ވަނަ ދުވަހުގެ ރޭ 8:45 ގައެވެ.
ޒައިދުގެ މައްޗަށް ކުރަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމަށް މަސައްކަތް ކުރުމާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމާއި ހުއްދަ ނޫންގޮތުގައި މައުލޫމާތު ހާމަކުރުމަށް މަސައްކަތް ކުރުމުގެ ދައުވާއެވެ.
ޒައިދު ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން 16 ފަހަރު މުއްދަތު ޖެހުމަށްފަހު ޒައިދު މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
ޒައިދަކީ ދެކަފިވެފައިވާ ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނަށް ނިސްވަތްވާ ރައީސް މައުމޫނުގެ ސަޕޯޓަރެކެވެ.