ހަތިޔާރު އެޅި ގްރޫޕަކުން ނައިޖީރިޔާގެ ހަނޑޫ ދަނޑުގައި މަސައްކަތް ކުރުމުގައި އުޅުނު މަސައްކަތްތެރިންތަކެއް ރަހުމުކުޑަގޮތަކަށް މަރާލައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ދަނޑުގައި މަސައްކަތްކުރާ މީހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ނައިޖީރިއާގެ އުތުރު އިރުމަތީ އަވަށެއް ކަމަށްވާ ކޮށޯބޭގެ ހަނޑޫ ދަނޑުތަކެއްގައި ކަމަށެވެ. މި ގްރޫއްޕުން ދަނޑުގައި މަސައްކަތް ކުރަން ތިބި 43 މީހުންގެ ކަރު ބުރިކޮށްލާފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރި މީހުން ވަނީ ބުނެފައެވެ.
އެ ސަރަހައްދުގައި ހަތިޔާރު އެޅި މިލީޝިއާ ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތް ކުރާ ގްރޫއްޕެއްގެ ލީޑަރު ބަބަކުރަ ކޯލޯ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދަނޑުތަކުން 43 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އެންމެންގެ ވެސް ކަރު ބުރިކޮށްލާފައިވާ ކަމަށެވެ. އަދި 6 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ލާ އިންސާނީ އަމަލު ހިންގި މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެކަން ކުރި ބަޔަކު ހޯދިފައި ނުވެއެވެ.
ނައިޖީރިއާގެ އުތުރު އިރުމަތީ ސަރަހައްދުގައި ބޯކޯ ހަރާމް އަދި އައިއެސްގެ ނުފޫޒް ގަދައެވެ. އެ ސަރަހައްދުގައި ހަތިޔާރުއެޅި ޖަމާތްތަކުގެ އަތްދަށުވެ 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި އެމީހުންގެ ނުފޫޒު ގަދަވުމުގެ ސަބަބުން އެތައް މިލިއަން މީހުންނެއް ވަނީ އެ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.
ކޯލޯ ބުނެފައިވަނީ މި އަމަލު ހިންގާފައިވަނީ ބޯކޯ ހަރާމް ޖަމާއަތުގެ މީހުން ކަމަށް ބެލެވޭ ކަމަށާއި، ދޭތެރެ ދޭތެރެއިން އެމީހުންގެ ހަމަލާތަކުގެ ޝިކާރައަކަށް ދަނޑުވެރިންވެފައިވާ ކަމަށެވެ. ހޮނިހިރު ދުވަހުގެ ހަމަލާގައި މަރުވެފައިވަނީ ނައިޖީރިއާގެ އުތުރު ހުޅަނގުގައި އޮންނަ ސޮކޯޓޯ ސްޓޭޓްގެ މަސައްކަތްތެރިންނެވެ. އެމީހުން މަރާލާފައިވަނީ މަސައްކަތް ކުރުމަށް އެތަނަށް ގޮސް އުޅެނިކޮށެވެ. 40 މީހުންގެ ކަރުބުރިކޮށްލާ މަރާލާ 6 މީހަކު ޒަހަމް ކޮށްލާފައިވާ އިރު، އިތުރު 8 މީހަކު އަދި ނުފެނެއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ އެމީހުން ކިޑްނެޕްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.