Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 08:18
ހޯމަ ދުވަހުގެރޭގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއް
ހޯމަ ދުވަހުގެރޭގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއް
ރާއްޖެ އެމްވީ
ފުލުހުންގެ ހަރަކާތް
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
3 ތަނެއް ބަލައި ފާސްކޮށްފައިވޭ
4 މީހަކު ހައްޔަރުކޮށްގެން ގެންދިޔަތަން ފެނިފައިވޭ
ގެންދިޔަ ތަކެތީގެ ތެރޭގައި ލިޔެކިޔުމާއި، ގަލަމާއި، މަސްބާނާ ދޮށި ހިމެނޭ
މައްސަލައާއި ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރޭ

ހޯމަ ދުވަހުގެރޭ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންއެއްގައި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި، މއ. ކިނާރާ ހައުސް ބަލައި ފާސްކުރީ ޓެރަރިޒަމާއި، ޤައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ތުޙުމަތުގައިކަން ހާމަވެއްޖެއެވެ.

އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި، ކިނާރާހައުސްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ނެރެފައިވާ ވަކިވަކި ދެ ކޯޓު އަމުރުގައިވާގޮތުން އެ ދެތަން ބަލައި ފާސްކުރަން ހުއްދަދީފައިވަނީ، އެ އޮފީހުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމަށް ރާވަމުންދާ ކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ، އެ މައްސަލައިގައި ހެއްކާއި ގަރީނާ ހޯދުމަށެވެ.

އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައި ފާސްކޮށް، އެތަނުން ދެފަހަރެއްގެމަތިން ހެކި ގެންގޮސްފައިވާއިރު، ކިނާރާ ހައުސްގެ އެޕާޓްމަންޓުންވެސް ފުލުހުން ވަނީ ހެކި ހޯދާފައެވެ. މި ދެތަނުގެ އިތުރުން، މި އޮޕަރޭޝަންގައި މއ. ނަމޫނާގެ، ބަލައި ފާސްކޮށް ހެކިހޯދާފައިވެ އެވެ.

މި އޮޕަރޭޝަންގައި ފުލުހުން ބަލައި ފާސްކުރި އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ، ފުލުހުން އެ އޮފީހަށް ވަނީ އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ކަމަށާ، އެގޮތަށް އެތަނަށް ވަނީ އެ ނޫންގޮތަކަށް ވަދެއްޖެނަމަ ހެކި ފޮރުވުމަށް ފުރުޞަތު ލިބޭނެތީ ކަމަށް ފުލުހުން ބުނި ކަމަށެވެ. އަދި އެތަނުގެ ތެރެއިން ފުލުހުން ގެންދިޔަ ތަކެއްޗަކީ ހަނގުރާމަވެރި ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ފަދަ ތަކެތި ނޫން ނަމަ، އެ އޮފީހުގެ ދޮރު މަރާމާތުކޮށްދޭނެ ކަމަށް ފުލުހުން ބުނި ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ފުލުހުން އެ އޮފީހަށް ވަތްއިރު އެތަނުގައި ތިބީ އޭނާގެ ދަރިފުޅާއި އިތުރު ތިން މީހުން ކަމަށެވެ. އަދި އެތަނަށް ވަން ގޮތަށް އެ އެންމެވެސް ހައްޔަރުކުރީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި ލިޔެކިޔުމާއި، ގަލަމާއި، މަސްބާނާ ދޮށި ހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ ތަފްސީލީ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލައިގައި 4 މީހުން ހައްޔަރުކުރިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުކުރެވިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް