Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 18:43
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު
މުހައްމަދު ޝަރުހާން
ފާރިސް ފުލުހަށް
ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި
ގާސިމް އިބްރާހިމްގެ މައްޗަށް އެ ތުހުމަތުތައް ކޮށް ޝަރީއަށް ދަނީ ހިންގަމުން
ތުހުމަތު ބިނާކުރެވޭ ވަރަށް ހެކި ހުރި ކަމަށް ފާރިސް ގަބޫލު ނުކުރައްވާ
ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގެއް ކަމަށް ފާރިސް ގަބޫލުނުކުރައްވާ

ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހެޅުމުގެ ތުހުމަތު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ވެސް ފުލުހުން ކޮށްފި އެވެ.

 

ފާރިސްގެ މައްޗަށް ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހެޅުމުގެ ތުހުމަތު ކޮށްފައި މިވަނީ، އެ ތުހުމަތުތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކޮށް، ޝަރީއަތް ހިންގަމުން ދަނިކޮށެވެ.

 

ހޯމަ ދުވަހު ފުލުހުންގެ ހެޑް ކުއާޓާސް އަށް ފާރިސް ހާޒިރުކޮށް، މާޗް މަހުގެ 27 ވަނަ ދުވަހު ނެގި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ ވޯޓާ ދިމާކޮށް ވަކި ގޮތަކަށް ވޯޓް ދިނުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ރިޝްވަތު ހުށަހަޅުއްވަން އުޅުމުގެ ތުހުމަތުކޮށް، ފާރިސްއާ ވަނީ ސުވާލުކޮށްފަ އެވެ.

 

ފުލުސް އޮފީހުން ނިކުމެވަޑައިގެން ފާރިސް ވިދާޅުވީ އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރާއިރު، އެ ތުހުމަތު ބިނާކުރެވޭ ވަރަށް ފުލުހުންގެ އަތުގައި ހެކި ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

 

ފާރިސް ވިދާޅުވީ ކުށެއް ކުރައްވާފައިނުވާނެ ކަމަށާއި ފުލުހުން ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި ހިންގަމުންދާ ތަހުގީގަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ފާރިސްގެ މައްޗަށް އެ ތުހުމަތުތައް ކޮށްފައިވާއިރު، ފާރިސްއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ބޭފުޅެއްގެ ގެޔަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލާފާސްކޮށްފައިވެ އެވެ.

 

ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހެޅުމުގެ ތުހުމަތު ފާރިސްގެ މައްޗަށް ކޮށްފައިވާއިރު، ދައުލަތުން ކޮށްފައިވާ ޚަރަދެއް ފާރިސް އަނބުރާ ނުދައްކަވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

 

އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ފުލުހުންގެ އިދާރާއަށް ފާރިސް ހާޒިރުކޮށްފައިވާއިރު، އެ މައްސަލައަކީ ފާރިސްއާ ގުޅުންހުރި، އަދި އެއްވެސް ހައިސިއްޔަތަކުން ފާރިސް ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ މައްސަލައެއް ނޫންކަމަށް ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.

 

ފާރިސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާކަން ފުލުހުން ހާމަކޮށްފައިވާނީ ފާރިސް އާއި އެކު އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުއްލި ގޮތަކަށް ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް މިމަހުގެ 21 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް