ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް، އިތިއޯޕިއާގެ ސަރުކާރާ ދެކޮޅު ޓިގްރޭއިންނަށް އެހީތެރިވެދޭ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ތުހުމަތުކޮށްފައެވެ.
އިތިއޯޕިއާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ޓެޑްރޯސް ގެންދަވަނީ ޓިގްރޭ ޕާޓީއާށް އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ވެސް އެހީތެރިވެދެމުންނެވެ. އިދިކޮޅު ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) އަކީ އިތިއޯޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ ރީޖަނަލް ސްޓޭޓުގައި ވެރިކަން ކުރަމުން އަންނަ މައި ޕާޓީއެވެ.
އިތިއޯޕިއާގެ އަސްކަރިއްޔާގެ ވެރިޔާ ސްޓާފް ޖެނެރަލް ބިރްހަނު ޖުލާ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޓެޑްރޯސް އަކީ އެ ގްރޫޕްގެ މެމްބަރެއް ކަމަށާއި އަދި އެއީ ކުށްވެރިއެއް ކަމަށެވެ. އެހެން ނަމަވެސް ބިރްހަނުގެ މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. ބިރްހަން ވަނީ ޓެޑްރޯސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ވެސް ގޮވާލައްވާފައެވެ.
ބިރްހަނުގެ މި ތުހުމަތުތަކަށް ޑަބްލިޔުއެޗްއޯއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިތިއޯޕިއާގެ އަސްކަރިއްޔާގެ މި ތުހުމަތުތައް އައިސްފައި މި ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި ޓެޑްރޯސް އިސްކޮށް ހުންނަވާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯ އަށާއި ޓެޑްރޯސް އަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.
ވަކިން ޚާއްސަކޮށް ޑަބްލިޔުއެޗްއޯ އަށް އެންމެ ބޮޑަށް ފަންޑުކުރަމުން އަންނަ އެމެރިކާއިން ޑަބްލިޔުއެޗްއޯ އިން ވަކިވެ ދެމުން އަންނަ ފަންޑު ހުއްޓާލާނެކަމަށް ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 ގެ ކަންތަކުގައި އެމެރިކާއިން އަންނަނީ ޑަބްލިޔުއެޗްއޯ އަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
ޓެޑްރޯސް އަކީ އިތިއޯޕިއާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޓެޑްރޯސް ވަނީ އިތިއޯޕިއާގެ ހެލްތު މިނިސްޓަރުކަމާއި ފޮރިން މިނިސްޓަރުކަން 2005 އިން 2016 އަށް ކުރައްވާފައެވެ. އޭރު އިތިއޯޕިއާގައި ވެރިކަންކުރަމުން އައީ ޓިގްރޭ އިސްކޮށް އޮވެ އުފެދިފައިވާ ކޯލިޝަން ސަރުކާރެކެވެ. ޓިގްރޭއިން އިސްކޮށްއޮވެ އިތިއޯޕިއާގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ ވެރިކަން ކޮށްފައެވެ. އޭރު ޓިގްރޭއަކީ ކޯލިޝަންގެ އެންމެ ބާރުގަދަ ޕާޓީއެވެ.
އެކަން ނިމުމަކަށް އައީ މިހާރުގެ ބޮޑުވަޒީރު އަހްމަދު އަބީ 2018 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އަބީ ވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު އަބީގެ ނޭޝަނަލް ޕާޓީ އާއި އަނެއް ތިން ޕާޓީ އެއްކޮށްލައްވާފައެވެ. އެކަން ކުރުމަށް ޓިގްރޭ އިން ވަނީ ދެކޮޅު ހަދާފައެވެ.
ޓެޑްރޯސް ގެންދަނީ އެ މީހުންނަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން. އިތިއޯޕިއާގައި ޓިގްރޭ އާ ދެކޮޅަށް ހިނގަމުންދާ ކަންކަން އަވަށްޓެރި ގައުމުތައް ލައްވާ ކުށްވެރިކުރުވުމަށް ކެމްޕެއިން ވެސް ކުރަމުން އަންނަނީ. އަދި ހަނގުރާމަވެރި ހަތިޔާރު ފޯރުކޮށްދިނުމަށް ވެސް އަންނަނީ މަސައްކަތްކުރަމުން. އަދި ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ޓިގްރޭއަށް އެހީތެރިވެދިނުމަށް ވެސް ޓެޑްރޯސް އަންނަނީ މަސައްކަތް ކުރަމުން.އިތިއޯޕިއާގެ އަސްކަރިއްޔާގެ ވެރިޔާ ސްޓާފް ޖެނެރަލް ބިރްހަނު ޖުލާ
ބިރުހަނުގެ މި ތުހުމަތުތަކާއެކު އަދި ޓެޑްރޯސް މަގާމުން ވަތްކެއްނުކުރެވޭނެއެވެ. އެއީ އަދި މި ވާހަކަތައް ސާބިތުކުރެވޭ ވަރުގެ ހެކި ދެއްކިފައިނުވާތީއެވެ.
ޓެޑްރޯސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ. ޓެޑްރޯސް އަކީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް ހަވާލުވެވަޑައިގެންނެވި އެފްރިކާ ބައްރުގެ ފުރަތަމަ ބޭފުޅާއެވެ.