އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލަށް ފަހު އެ ގައުމުގައި މިހާރުވެސް ހަލުވިކަމާއެކު ފެތުރުމުން އަންނަ ކޮވިޑް-19 އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު ހީވުމާއެކު އިންޑިޔާގެ ވެރިކަންކުރާ ސިޓީ، ނިއު ދިއްލީގެ އޮފިޝަލުން ބުނާ ގޮތުން އެ މީހުން އަންނަނީ ހޮސްޕިޓަލުތަކާއި އައިސީޔޫގައި އެނދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ނިއު ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވަލް ވިދާޅުވީ އެ ސިޓީގެ މާރުކޭޓްތައް ބަންދު ކުރުމުގެ ހުއްދައަށް މައި ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އެތަންތަނަކީ އެންމެ ބޮޑަށް ވައިރަސް ފެތުރޭނެ ކަމަށް ބެލެވިފައިވާ ތަންތަނެވެ. އަދި މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރާ އަދަދު 500 ރުޕީސްއިން 2000 ރުޕީސް (26.95 ޑޮލަރު) އަށް ބޮޑުކޮށްފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތަށް ބަލާއިރު އެ ސްޓޭޓުން ވަނީ 192،000 މީހުންނަށް މިހާތަނަށް އައިއިރު ވައިރަސް ޖެހިފައެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުކުރު ދުވަހުން ފެށިގެން އަހްމަދުއާބާދްގައި ރޭގަނޑު ކާފިއު ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ.
އަހްމަދުއާބާދްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލެއް ކަމުގައިވާ ރާޖިވް ކުމާރް ގުޕްތާ ވިދާޅުވީ ކާފިއު ހިންގާނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 6 ޖެހުމާ ހަމައަށް ކަމަށެވެ. އަދި ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު އިންޑިއާގައި ވަނީ 45،576 މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. މިއާއެކު މިހާތަނަށް އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8.96 މިލިއަން މީހުންނަށް އަރާފައެވެ. އަދި ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު ވަނީ 131،578 އިތުރުވެފައެވެ.
އިންޑިއާއަކީ މި ވަގުތު މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އިންޑިއާގައި ސެޕްޓެމްބަރ މަހު އައި ޕީކަށް ފަހު މިހާރު ވަނީ ކޭސްތައް ފެންނަ މިންވަރު ދަށަށް ދާން ފަށާފައެވެ.