ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ދިމާކޮށް ދެ ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ އެވެ. އަދީބު ދެ ފިސްތޯލަ ގެންގުޅެނިކޮށް ފެނުނު ކަމަށް ދެ މީހަކު ވަނީ ކޯޓުގައި ހެކިބަސް ދީފަ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އަދީބު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން 5 ވަނަ ދުވަހު އެވެ.
އަދީބުގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ހޯމަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުން ޝަރީއަތް ކުރިއަށް ގެންގޮސް ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާފަ އެވެ.
ހައިކޯޓުން ކުރި ހުމުގައި ބުނެފައިވަނީ އަދީބު ދިރިއުޅުއްވި ގ. ހުމަށިގެއަށް ދިޔަ ދެމީހެއްގެ ގާތުގައި މޭޑޭގެ މުޒާހަރާގައި އެއްވެސް ކަމެއް ގޯސްވިޔަދީގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގަން އުޅޭކަމުގެ އިޝާރާތެއް ވެއްޖެނަމަ ވީއެންމެ އަވަހަކަށް އެކަން އެންގުމަށާއި، އެމްޑީޕީގެ މެންބަރުންނަށް އެމަނިކުފާނާ ހަމައަށް ނާދެވޭނެ ކަމަށް ވިދާޅުވެ ދަބަހެއްގެ ތެރެެއިން ދެ ފިސްތޯލާއި، ލޯ ކުލައިގެ ތިން ވަޒަން ލާފައި އޮތް އެތެރެ ފެންނަ ޕްލާސްޓިކް ފޮއްޓެއް ދައްކަވައި ޓެރަރިޒަމުގެ އަމަލެއް ހިންގަވާފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އަދީބުގެ އަތުން ފިސްތޯލައެއް ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ތަހުގީގުކުރާ އިދާރާއަކަށް ފެނިފައިނުވާ ކަމަށާއި، ހުކުމް ކޮށްފައިވަނީ ހަަމައެކަނި ބަޔަކު ބުނި ބުނުމެއްގެ މައްޗަށް ކަމަށް ބުނެ އަދީބުގެ ވަކީލުން ފާހަގަކުރެއްވި އެވެ. އަދި މި މައްސަލައަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ބާވަތުގެ ކުށެއް ކަމަށް ވިދާޅުވެ އަދީބުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ގަޒިއްޔާތަކެއް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް، ހުކުމުގައި ބުނެފައިވަނީ މި މައްސަލައަކީ އަދީބުގެ ފަރާތުން ފާހަގަކުރާފަދަ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ޒާތުގެ ކުށެއްކަން ހަވާލާދީފައިވާ ގަޒިއްޔާތަކަށާއި ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތް ކަމަށެވެ.
ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ލިބެންޖެހޭ ކުށުގެ ތުހުމަތުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް އަދީބަށް ލިބިފައިނުވާކަން ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.
ނަމަވެސް، ހުކުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ލިބެންޖެހޭ ކުށުގެ ތުހުމަތުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް އަދީބަށް ލިބިދީފައިނުވާ ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެެވެ.
މީގެ އިތުރުން އަދީބުގެ ވަކީލުން ވަނީ، ހެކި ބަލައިގަތުމުގައި ރިއާޔަތްކުރަންޖެހޭ ގާނޫނީ އުސޫލުތަކާ ޚިލާފަށް ދައުލަތުން ހުށަހެޅި ހެކި ބަލައިގަތުމުގައި ދަށު ކޯޓުން އަމަލުކޮށްފައިވާ ކަމަށާއި، އެ ހެކިތަކަކީ އަދީބު ޓެރަރިޒަމްގެ ކުށެއް ކުރެއްވިކަން ދަލާލަތުކުރާ ހެކިތަކެއް ކަމަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބެލެވެން ނެތް އިރު، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ޓެރަރިޒަމްގެ ކުށެއް ކުުރެއްވިކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ ނުކުތާއެއް ފާހަގަކުރައްވާފަ އެވެ.
ހުކުމުގައި ބުނެފައިވަނީ، އަދީބާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރި ސަބަބާއި، ހެކިން ހުށަހެޅީ ކޮންކަމެއް ސާބިތުކޮށްދޭން ކަމަށް ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާކަމާއި، އެ ހެކިން ބަލައިގަތުމަށް ނިންމީ ހެކި ބަލައިގަތުމުގައި ރިއާޔަތްކުރަންޖެހޭ ގާނޫނީ ޚިލާފަށް ކަމަށް އަދީބުގެ ފަރާތުން ފާހަގަކުރެއްވި ނަމަވެސް، ޚިލާފުވެފައިވަނީ ކޮން ގާނޫނީ އުސޫލަކާކަން ބުނެދެވިފައިނުވާ ކަމަށެވެ.
ދައުލަތުން ހުށަހެޅި ތިން ހެކިން ހެކި ބަހުން އަދީބު ފިސްތޯލަ ގެންގުޅެފައިވާކަން ސާބިތުވާ ކަމަށް ފާހަގަކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމެވީ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތް ކަމަށެެވެ.
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމާއެކު ޖުމްލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ. ހުކުމްތަކުގެ ތެރޭގައި ހިމެނެނީ ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އިއްވި 8 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ކަމަށް ބުނެ އިއްވާފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން، ސްނައިޕަރަކު ގެނެސްގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުގެ މައްސަލައިގައި އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ދަނީ ހިންގަމުންނެެވެ. ސްނައިޕަރު މައްސަލަ މެދުކެނޑިފައި އޮތް ނަމަވެސް، ހިބަޅިދޫ މައްސަލައިގެ އަޑުއެހުންތައް ދަނީ ބާއްވަމުންނެވެ.