Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 05:55
މަރާލެވުނު ލިޔުންތެރިޔާ ޔާމީން ރަޝީދު - އޭނާއަށް ގިނަ އިންޒާރުތަކެއް ލިބި، އެ މައްސަލަ ފުލުހުންނަށްވެސް ހުށައެޅި
މަރާލެވުނު ލިޔުންތެރިޔާ ޔާމީން ރަޝީދު - އޭނާއަށް ގިނަ އިންޒާރުތަކެއް ލިބި، އެ މައްސަލަ ފުލުހުންނަށްވެސް ހުށައެޅި
ފޭސްބުކް
ޔާމީން، މަރާލުން
މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް
ތަހުގީގަށް ހުރަސްއެޅޭހެން ކަންކޮށްގެން ނުވާނެ
ކަމާ ގުޅޭ މުއައްސަސާތަކުން އިތުރަށް ހަރުދަނާ ކުރަން ޖެހޭ

އެކި ފަރާތްތަކަށް މަރުގެ އިންޒާރު ދިނުމާއި، ބިރުދެއްކުމުގެ ދަށުދަރަޖައިގެ ޢަމަލުތައް މުޖުތަމަޢުގައި ހިނގަމުންދާތީ މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލިގެންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

 

އެޗްއާރްސީއެމުން މިފަދައިން ބުނީ އަނިޔާވެރި ގޮތަކަށް ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

 

އެޗްއާރްސީއެމުން ބުނީ ދިރިހުރުމުގެ ހައްޤަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ އެންމެ އަސާސީ އެއް ހައްޤުކަމަށް ވީހިނދު، އެތަކެއް ފަރާތްތަކެއްގެ ކިބައިން މި ޙައްޤު ނިގުޅައިގަނެވެމުންދާދިއުމަކީ ކޮމިޝަނުން ނުހަނު ހިތާމަކޮށް، ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ޔާމީން ރަޝީދުއަށް ދީފައިވާ ލާއިންސާނީ، ރަހުމްކުޑަ މަރުގެ ހަމަލާއަކީ އެ ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް ކަމަށެވެ.

 

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެކި ފަރާތްތަކަށް މަރުގެ އިންޒާރު ދިނުމާއި، ބިރުދެއްކުމުގެ ދަށުދަރަޖައިގެ ޢަމަލުތައް މުޖުތަމަޢުގައި ހިނގަމުންދާކަމީ މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި، އަފްރާދުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެންދާނެކަމެއް ކަމަށެވެ. އެހެންކަމުން، މުޖުތަމަޢުގައި ހިނގާ މިފަދަ ނުރައްކާތެރި ވާޤިޢާތައް ތަކުރާރުވިޔަނުދިނުމަށާއި، މުޖުތަމަޢުގައި އަމަންއަމާންކަން ގާޢިމުކުރުމަށް ކަމާގުޅޭ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށް އިލްތިމާސްކުރާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

 

އޭގެއިތުރުން މިފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، އަދި މިފަދަ ހާދިސާތައް އިތުރަށް ހިނގިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް އެ ކޮމިޝަނުން ގޮވާލައިފައިވެއެވެ.

 

އެޗްއާރުސީއެމުން އިތުރަށް ބުނީ، މިފަދަ ކަންކަން މެދުވެރި ނުވާނޭގޮތަށް މަސައްކަތްތައް ބައްޓަންކޮށް އިތުރަށް ހަރުދަނާކުރުމަށް ދައުލަތުގެކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.  

 

ހަމައެއާއެކު، މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި އެފަރާތްތަކުގެ ޢާއިލާތަކަށް އިތުރު ހިތާމަތައް މެދުވެރިނުވާނެގޮތަށް އެއްމެހާ ފަރާތްތަކުގެ ޢަމަލުތަށް ބެހެއްޓުމަށާއި، ތަޙުޤީޤަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމުގެ އިތުރުން ތަޙުޤީޤުކުރާ ފަރާތްކަކަށް އެއްބާރުލުން ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް