ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 17:16
ސެކްރެޓަރީ ޕޮމްޕެއޯ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލު ކުރައްވަނީ
ސެކްރެޓަރީ ޕޮމްޕެއޯ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލު ކުރައްވަނީ
-
އިންތިހާބާއި މެދު ޕޮމްޕެއޯގެ ހިޔާލު
އެމެރިކާގެ ރައީސްގެ މަގާމުގައި ދެވަނަ ދައުރަކަށްވެސް ހުންނަވާނީ ޑޮނަލްޑް ޓްރަމްޕް: ޕޮމްޕެއޯ
އަމާންކަމާއެކު ދެވަނަ ދައުރެއްވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ކުރައްވާނެ ކަމަށް ވިދާޅުވި
އިންތިޚާބީ ރައީސަކަށް ޖޯ ބައިޑެން ހޮވިވަޑައިގެންނެވި ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވި
މައިކަލް ރިޗަރޑް ޕޮމްޕެއޯ ވަނީ ދާދި ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ، ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއްގައިވެސް އެމެރިކާގެ ރައީސްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޕޮމްޕެއޯ ވިދާޅުވީ އަމާންކަމާއެކު ދެވަނަ ދައުރެއްވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބީ ރައީސަކަށް ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ހޮވިވަޑައިގެންނެވި ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދަވައި ބައިޑެން ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އެގޮތުން ބައިޑެންއަށް 284 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެސޯސިއޭޓަޑް ޕްރެސްގައި ރިޕޯޓް ކޮށްފައިވެ އެވެ.

ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށާއި، ވޯޓުގެ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ޓްރަމްޕް ވަނީ، އިދިކޮޅުން ވޯޓުން ވައްކަން ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މައިކަލް ރިޗަރޑް ޕޮމްޕެއޯ ވަނީ ދާދި ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އަރިހަށް ޒިޔާރަތް ކުރައްްވާފައިވާއިރު، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއެކު ރަސްމީ މަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
- ކޮމެންޓް