ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 09:59
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ރައްޔިތުންގެ މަޖިލިސް
2021 ވަނަ އަހަރުގެ ބަޖެޓް
ރާއްޖޭގެ ރަސްމީ ރިޒަރވް މިއަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި
2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 696 މިލިއަން އެމެރިކާ ޑޮލަރުގައި
2020 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމުލަ ގޮތެއްގައި ދަނީ ދަށަށް
ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަންޖެހޭ ވަރުގެ ޕްރެޝަރެއް ނެތް
އަންނަ އަހަރު، ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގައި

ރާއްޖޭގެ ރަސްމީ ރިޒަރވް މިއަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއީ މި އަހަރު ފެށުނު އިރު ރިޒާވް ހުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށެވެ. އަދި 2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 696 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓާރ އިބްރާހީމް އަމީރު މިދިޔަ އަހަރު ވިދާޅުވީ 2020 ވަނަ އަހަރު ނިމޭއިރު 819 މިލިއަން އެމެރިކާ ޑޮލަރުގައި ރަސްމީ ރިޒަރވް ހުންނާނެކަމަށް އެމްއެމްއޭ އިން ލަފާކުރާ ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 1 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށްވެސް މިނިސްޓަރ ވަނީ މިދިޔަ އަހަރު ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު މިއަންދާޒާކުރެވޭ އަދަދުތަކަށް ބަލާއިރު ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަންޖެހޭ ވަރުގެ ޕްރެޝަރެއް ނެތް ކަމަށެވެ. މިވަގުތު ޕެރަލެލް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯޓަރުންނަށް ޑޮލަރު އަގުބޮޑުކޮށް ހޯދަން ޖެހުމުގެ ޝަކުވާ އޮތް ނަމަވެސް އެ މައްސަލައަށް ހައްލު މި އަންނަނީ ހޯދައިދެމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިޤްތިސާދީ ހަރަކާތް ފެށި، އިތުރުވާ މިންވަރަކުން މި ކަންތައްތައް ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޤްތިސާދު ހުއްޓި، ބޭރު ފައިސާ ތަދު މި ދަނޑިވަޅުގައި މި މިންވަރުގައި ރިޒާވް ހިފެހެއްޓި، ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރެވިގެން މި ދަނީ ފިސްކަލް ޕޮލިސީގެ ހަރަކާތްތަކުން ކަމުގައި ފާހަގަކުރަން. މިގޮތުން ޚަރަދަށް ގެނައި ބަދަލުތަކާއި، ރައްޔިތުންނަށް ސީދާ ގޮތުން އެހީތެރިވުމާއި، މިހާތަނަށްވެސް ކޮންސެޝަނަލް ގޮތްގޮތުން ބަޖެޓު ފައިނޭންސް ކޮށްފައިވުމަކީ، މިއިން ޒަމާނަކު ނުވެއްޓޭފަދަ އިޤްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައިވެސް، މި ޝޮކުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައި ލޮޅުން ކުޑަކޮށްދިނުމަށް އެހީތެރިވި ކަންތައްތައް.
ފިނޭންސް މިނިސްޓާރ އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރާއި މި ކުރިމަތިލަނީ، އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަޤީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން ދެނެތިބެގެން ކަމަށެވެ. އިޤްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ރޭވިފައިވަނީ ރާއްޖޭގެ އިންފްލޭޝަން އާއި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ދެނެތިބެ، ރަނގަޅު މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް އަމާޒު ހިފައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ ހިފެހެއްޓޭކަމަށެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމުލަ ގޮތެއްގައި ދަނީ ދަށަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަބަބަކީ ތެލުގެ އަގު ދަށްވެފައިވުމާއި، ބާޒާރުގައި ޑިމާންޑް ދަށްވުމާއި، ކޮވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓުބިލުންނާއި ފެންބިލުތަކުން ޑިސްކައުންޓް ދީފައިވުން. އަންނަ އަހަރު، ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގައި. މިއީ މި އަހަރު ނަގާފައިވާ ޕޮލިސީ އެކްޝަންތަކުގެ ބޭސް އިފެކްޓް. ނަމަވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅައިބަލާއިރު، މިއީ ދަށް އަދަދެއް.
ފިނޭންސް މިނިސްޓާރ އިބްރާހީމް އަމީރު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް ބިލުވެސް ވަނީ ދަށަށް ގޮސްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއާއެކު، ބޭރު ފައިސާ ވަންނަ މިންވަރު ދަށްވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދަން ބޭރު ފައިސާ ބޭރުވާ މިންވަރުވެސް ދަށްކަން ފާހަގަކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބެލަންސް އޮފް ޕޭމަންޓްސްގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ ކުރީ އަހަރަށްވުރެ ދަށް އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިޤްތިސާދީ ހަރަކާތްތައް އިތުރުވަމުން އައުމާއެކު، އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ އެވެ.

- ކޮމެންޓް