ކޮވިޑް-19 ގެ ބަލިމަޑު ކަމުގައި މުޅި ދުނިޔެ ތަހައްމަލު ކުރަމުން ދާއިރު މެދު އިރުމަތީ ގައުމުތަކުގެ ތެރެއިން މިކަން އެންމެ ބޮޑަށް ތަހައްމަލު ކުރާ އެއްގައުމަކީ އިރާންއެވެ.
83.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރާންއަށް އަންނަނީ ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހަކީ މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން އެއްދުވަސް ތެރޭގައި ޕޮޒިޓިވްވި ދުވަހެވެ. އެދުވަހު އެގައުމުން ވަނީ 9450 (ނުވަހާސް ހަތަރުސަތޭކަ ފަންސާސް) މީހުން ޕޮޒިޓިވްވެފައެވެ. މިއަދަދާއެކު އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 682486 (ހަލައްކަ އަށްޑިހަ ދެހާސް ހަތަރުސަތޭކަ އަށްޑިހަ ހަ) އަކަށް އަރާފަ އެވެ.
އެގައުމުން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައިވަނީ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. ފާއިތުވި 8 މަސްދުވަހު އެގައުމުން ކޮވިޑްއާއި ގުޅިގެން މަރުވާ މީހުންގެ އަދަދު މުޅިންވެސް އުޅެނީ 400 ސަތޭކައިން ދަށުގައެވެ. ނަމަވެސް ނޮވެމްބަރ މަސް ފެށުމާއެކު މިއަދަދުތައް އަންނަނީ މައްޗަށް ޖެހެމުންނެވެ.
އެގޮތުން އާދިއްތަ ދުވަހަކީ އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވި ދުވަހެވެ. އެދުވަހު 459 މީހުން މަރުވެފައިވާއިރު އެގައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 38291 (ތިރީސް އަށްހާސް ދުވިސައްތަ ނުވަދިހަ އެކަކަ) ށް އަރާފަ އެވެ.
އިރާންއަށް ކޮވިޑްގެ ތިންވަނަ ރާޅެއް އަރާފައިވާއިރު އެގައުމުގެ ރައީސް ހަސަން ރޫހާނީ އަންނަނީ ކޮވިޑް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ވަނީ ކާފިއު އިއުލާން ކޮށްފައެވެ. ޒަރޫރީ ބޭނުންތައް ފިޔަވައި ހަވީރު 6 އަކުން ފެށިގެން މަގުމައްޗަށް އާންމުން ނުކުތުން މަނާވާނެ ކަމަށް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެވަގުތު ތަކުގައި މަގު މައްޗަށް ނުކުންނަ އާންމުންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.