ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލާފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި އާއިޝަތު ސޫޒަން ހަނީފު ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ މައްޗަށް އެކުލަވާލި އޮޑިޓް ރިޕޯޓާއި ގުޅިގެން، ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ވަނިކޮށް އޭނާ އަމިއްލަ އަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސީއެސްސީން އާދިއްތަ ދުވަހު ކުރި އިއުލާނުގައި ވަނީ، އެ މަގާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޕީއެސްއަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 20،500 (ވިހި ހާސް ފަސް ސަތޭކަ) ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 (ފަނަރަ ހާސް) ރުފިޔާ ލިބޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޕީއެސް ސޫޒަން އާއި ގުޅޭ ގޮތުން، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީއެސްސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އޭނާގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުމުގެ ގާބިލްކަން ހުރިކަމާ މެދު ސުވާލުއުފެދޭ ކަމަށާއި، އޭގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ޕީއެސްގެ މަގާމުގައި ހުންނަވައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ.
އެ ސިޓީގައިވާ ގޮތުން، މިނިސްޓްރީގައި އޮންނަ އެޗް.އާރު.އެމް.ޑީ ކޮމިޓީއާ މަޝްވަރާ ކޮށްގެން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ވެސް އެ ކޮމިޓީއާއި އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ސޫޒަންގެ ބެއްލެވުމުގެ ދަށުން ނިންމަވާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ސޫޒަން އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.