ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 126 އިންސައްތަ ކުރިއަރާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން އާދިއްތަ ދުވަހު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން މުޅި ޖުމްލަ 40,000 ފަތުރުވެރިން އައިސްފައިވާއިރު، އޭގެ ތެރެއިން 21,515 ފަތުރުވެރިން އައިސްފައިވަނީ އޮކްޓޫބަރު މަހުއެވެ.
އޮކްޓޫބަރު މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 694 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު 118 އިންސައްތަ ކުރިއެރުމެކެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 1475 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
އޮކްޓޯބަރ މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެގޮތުން އެ ގައުމުން ވަނީ 5،995 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ރަޝިޔާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، އެމެރިކާ، އިނގިރޭސިވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއްދުވަހަކަށް އިތުރު ވަމުން އަންނައިރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 ފަތުރުވެރިން ކަމަށެވެ.