އެކަށީގެންވާ ވަރަށް ފެން އުފެއްދި ރިޒާވް ކުރެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން މީގެ ކުރިން މާލޭގެ ރައްޔިތުން ފެނަށް ޖެހުނު ނަމަވެސް މިހާރު އެކަހަލަ ދަތި ކަމެއް ކުރި މަތި ނުވާނެ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މާލެ ސިޓީގެ ފެނުގެ ރިޒާވު ކުރިން ހުންނަނީ އެންމެ ދުވަހަކަށް ވާވަރަށް ކަމަށާއި ނަމަވެސް މިހާރު އިތުރު ދެ ތަނަކުން ފެން އުފައްދާ ރިޒާވު ކުރެވޭނެ ގޮތެއް ހަމަޖައްސާފައި ވާނެ ކަމަށެވެ. އެގޮތުން މިހާރު ހަވީރީ ހިނގުމުގަ އާއި ކަލާފާނު ސަރަހައްދުގައި ހުންނަ ޕްލާންޓްތައް ބޭނުން ކުރެވި އެކަށީގެން ވާވަރަށް ފެން ރިޒާވު ކުރެވިފައި ވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
އޭގެ އިތުރުން ކަލާފާނު ސަރަހައްދުގައި ހުންނަ ފެނުގެ ރިޒާވަށް، ހުޅުމާލޭގައި ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން މިހާރު މި މަސައްކަށް ވަނީ މިހާރު ކޮންޓްރެކްޓަރާ ހަވާލުކުރެވިފައެވެ.
ޝާހު އިތުރަށް ވިދާޅުވީ މި މަސައްކަތް މަޑުޖެހިފައި ވަނީ ފެން ޕަންޕް ބަހައްޓަން ޖެހިފައިވާ ތަނުގައި ރައީސް އޮފީހުގެ ގަސްއިންދާ ނާސަރީ އިނުމުން ކަމަށެވެ. އެގޮތުން މި މައްސަލަ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގއަށް ހުށައަޅާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
މީގެ 6 ވަރަކަށް އަހަރު ކުރިން ޑިސެމްބަރު 2014 ގައި އެމްޑަބްލިއުއެސްސީ ފެން ޕްލާންޓްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޕެނަލެއްގައި ރޯވުމާއި ގުޅިގެން އެކުންފުނީގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައެވެ. އެ ހާދިސާގެ ސަބަބުން މައްސަލަ ހައްލު ނުކުރެވި ހަފްތާއެއްހާ ދުވަސް ވަންދެން ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ފެނަށް ޖެހުނެވެ.