ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 15 ދިވެހިންނާއި 15 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން 15 މީހުން އަދި ރަށްރަށުންނާއި ރިޒޯޓްތަކުން 15 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11,962 އަށް އަރާފައެވެ.
މިހާތަނަށް އައިއިރު 11،066 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ގުނަމުންދަނީ 850 މީހުންނެވެ.
މީގެ ތެރެއިން 50 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެންނެވެ. އަދި 217 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. ރާއްޖެއިން މި ބަލީގައި 39 މީހަކު ވަނީ ނިޔާވެފައެވެ.