ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 10:16
ރެއާލާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-2 ން
ރެއާލާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
އިންޓަ ބަލިކޮށް ރެއާލަށް ފުރަތަމަ މޮޅު
އިންޓަ އަތުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުން
ބަޔާން ވަނީ ސާލްޒްބާގް އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އިންޓަ މިލާން ބަލިކޮށް ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އިންޓަގެ އަޝްރަފް ހަކީމީ ހެދި ގޯހެއްގެ ފައިދާ ނަގައިން މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ ކަރިމް ބެންޒެމާއެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ކޯނަރަކުން ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އުމުރުން 34 އަހަރުގެ ޑިފެންޑަރު ރެއާލަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.

މި މެޗުގައި ރެއާލުން ދެ ލަނޑުގެ ލީޑެއް ނެގިތާ ދެ މިނެޓު ފަހުން އިންޓައިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު މި މެޗުން ރެއާލް މޮޅުވީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ރޮޑްރީގޯ ކާމިޔާބުކުރި ލަނޑުންނެވެ.

ގްރޫޕް ބީގައި ހިމެނޭ ރެއާލުން ފުރަތަމަ މޮޅު ހޯދިއިރު، އަންގާރަ ދުވަހުގެރޭ ބޮރޫޝިއާ މޮންޗެންގްލަޑްބަކުން ވަނީ ޝަޚްތަރު ޑޮނެސްކް 6-0 ން ބަލިކޮށް ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. މި ނަތީޖާތަކާއެކު ގްރޫޕުގެ އެއްވަނައިގައި މޮންޗެންގްލަޑްބަކް އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޝަޚްތަރާއި ތިންވަނައިގައި އޮތް ރެއާލަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ފުލުގައި އޮތް އިންޓައަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ސާލްޒްބާގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 6-2 ން

މީގެ އިތުރުން މި މުބާރާތުގައި އަންގާރަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަނީ ސާލްޒްބާގް އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ސާލްޒްބާގުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފަައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާޖިމް ބެރީޝާއެވެ. އެކަމަކު މެޗުގެ 21 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބަޔާނުން ލީޑު ނެގިއިރު، މި ލަނޑަކީ ސާލްޒްބާގުގެ ރަސްމުސް ކްރިސްޓެންސެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭގެ ފަހުން މި މެޗުގައި ސާލްޒްބާގުން ނަތީޖާ އެއްވަރުކޮށްފައިވަނީ 66 ވަނަ މިނެޓުގައި މަސަޔާ އޮކުގަވާ ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު މެޗުގެ 79 ވަނަ މިނެޓުގައި ޖެރޯމް ބޯޓެން ވަނީ ބަޔާނަށް އަލުން މި މެޗުގައި ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ލެރޯއި ސާނޭ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ލެވަންޑޯސްކީ ވަނީ ބަޔާނުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ލޫކަސް ހެނަންޑޭޒެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް އޭގައި ހިމެނޭ ބަޔާން މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި ލޮކޮމޯޓިވް މޮސްކޯއާ 1-1 ން އެއްވަރުވެފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުގެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މޮސްކޯއަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ސާލްޒްބާގަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް