ގެސްޓް ހައުސްތައް ކުރިއަރުވަން މަސައްކަތްކުރާ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ އައު ހިންގާ ބޯޑު އިންތިހާބު ކޮށްފިއެވެ.
ރައީސަކަށް އިންތިހާބު ކޮށްފައިވަނީ މަޝްހުރޫ ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނާޝިދު އެވެ. ގޭމްސްގެ ފައުންޑިންގ މެމްބަރުންގެ ތެރޭގައި ހިމެނޭ ނާޝިދު ރައީސް ކަމަށް އިންތިހާބުވީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ނާޝިދުގެ ކާނި ހޮޓެލްސް އިން ދަނީ ރާއްޖޭގައި ހަތަރު ހޮޓަލެއް ހިންގަމުންނެވެ.
ނައިބް ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ހަމްޒާ ގާސިމް އެވެ. އޭނާ އަކީ ޕޮއިންޓް އިން ގެސްޓް ހައުސްގެ މެނޭޖިންގ ޑިރެކްޓަރ އެވެ. ގޭމްގެ ސެކެރެޓަރީ ކަމަށް އިންތިހާބުވީ މީގެ ކުރިންވެސް އެ މަގާމުގައި ހުރި ތްރީއިން ގެސްޓު ހައުސްގެ ވެރިޔާ ސައުދުﷲ އަހުމަދު އެވެ.
ކޯޕަރޭޓް އޮފިސަރުންގެ ގޮތުގައި ރާއިފް ވަހީދު އިންތިހާބުވެފައިވާއިރު، އެކްސްކޯ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އަހުމަދު ސާމިހުގެ އިތުރުން އަހުމަދު ވަހީދުއެވެ. ގޭމްގެ އައު ބޯޑު އިންތިހާބުކުރުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
''ރާއްޖެ،.އެމްވީ'' އަށް މައުލޫމާތު ދެއްވަމުން ގޭމްގެ އެސްޖީ ސައުދުﷲ ވިދާޅުވީ، އަލަށް އިންތިހާބު ކުރެވުނު ބޯޑަކީ ގެސްޓްހައުސްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރާ ފަރާތްތަކުގެ އެއްބާރުލުމާއި އެކު އިންތިހާބުވި ބޯޑެއް ކަމަށެެވެ.
ވަކިން ހާއްސަކޮށް ގޭމް އުފެއްދުމުގައި އިސްކޮށް އުޅުނު ނާޝިދު އިންތިހާބު ކުރެވުމަކީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ގެސްޓް ހައުސްގެ ސިނާއަތަށް އެރި ލޮޅުންތަކުން އަރައިގަތުމަށާއި، ގެސްޓު ހައުސްތައް މާކެޓް ކުރުމުގައި ގޭމްސް އިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެކަމުގައި ޓޫރިޒަމް މިނިސްޓްރީން ލިބެމުންދާ އެހީތެރިކަން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކޮވިޑާއި ހެދި މަޑުޖައްސާލާފައި އޮތް ގޭމްގެ މެގަޒިން އަންނަ އަހަރުގެ ނޮވެމްބަރު މަހު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސައުދުﷲ ފާހަގަކުރިއެވެ.
ގޭމްސް އަކީ 2014 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ.