ލޯކަލް ޓޫރިޒަމްގެ ދަށުން ހިންގާ ގެސްޓް ހައުސް ވިޔަފާރީގެ ދަށުން، ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކުގެ ތެރެއިން 38 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 38 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ އަލުން ދީފައިވާއިރު، މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން 10 ރަށެއްގައި ހިންގާ 38 ގެސްޓް ހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.
އެ ރަށްތަކަކީ ނ. ފޮއްދޫ އާއި، ކ. ހުރާ އާއި، ކ. މާފުއްޓާއި، ކ. ގުރައިދޫ އާއި، އއ. މަތިވެރި އާއި، އއ. އުކުޅަހާއި، އއ. ތޮއްޑޫ އާއި، ވ. ތިނަދޫގެ އިތުރުން ވ. ފުލިދޫ އަދި އއ. ރަސްދޫގައި ހުރި ބައެއް ގެސްޓް ހައުސްތަކެވެ.
ރަށްރަށުގައި ހުރި 38 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، މާލެ ސިޓީ ސަރަހައްދުން 39 ގެސްޓް ހައުސް ހުޅުވައި ޚިދުމަތް އަންނަނީ ދެމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓް ހައުސްތައް ހުޅުވާފައިވަނީ މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދެމުންދަނީ، އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކެއް ދަށުން، އެ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ދެވޭ ތަންތަނަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓް ހައުސްތައް ހުޅުވާއިރު، އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.