ގއ. ފިޔޯރީގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ބާވެފައި ވާތީ އާއި އިންޖީނުގެ ގާއިމް ކުރުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އާ އިމާރާތަށް އިންޖީނުގެ ބަދަލު ނުކުރެވި ވަނީ އިންޖީނުގެއެއް ހިންގުމަށް ފެނަކައިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެ އިމާރާތް ނުފެތޭތީ ކަމަށެވެ. އެގޮތުން އާ އިމާރާތަށް އިންޖީނުގެ ބަދަލު ކުރުމުގެ ކުރިން އިމާރާތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އިމާރާތުގެ ބައެއް ފާރުތައް ތަޅާލަން ޖެހޭ ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ މީގެ ކުރިން ވެސް އާ އިމާރާތަށް އިންޖީނުގެ ބަދަލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އެ އިމާރާތުގައި ޖަނަރޭޓަރުތައް ބެހެއްޓުމަށް ހަދާފައިވާ ތަނުގައި ޖަނަރޭޓަރުތައް ބެހެއްޓުމަށް ފަހު މީހަކު އެ ތަނަށް ވަންނާނެ ޖާގަ ވެސް ނެތް ކަމަށެވެ. އަދި އެއް ޖަނަރޭޓަރު އަނެއް ޖަނަރޭޓަރާ ދެމެދު ބަހައްޓަން ޖެހޭ ދުރު މިން އިމާރާތް މިހާރު ހުރިގޮތުން ބެހެއްޓެން ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އާ އިމާރާތަށް އިންޖީނުގެ ބަދަލު ކުރުމުގެ ކުރިން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ބެލުމަށްޓަކައި ފެނަކައިގެ އިންޖިނިޔަރިން ޓީމެއް މިހަފްތާ ތެރޭގައި ފިޔޮރީ އަށް ދާނެ ކަމަށެވެ. އަދި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ވީ އެންމެ އަވަހަކަށް އާ އިމާރާތަށް އިންޖީނުގެ ބަދަލު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އާ އިމާރާތަށް އިންޖީނުގެ ބަދަލު ކުރުމަށް ފެނަކައިން ނިންމާފައިވާއިރު ފިޔޮރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު އެތަނަކީ ބޭނުން ކުރުން ރައްކާތެރި އިމާރާތެއް ނޫންކަން ތަކުރާރުކޮށް ފެނަކަ އަށް އަންގާފައިވާނެ ކަމަށެވެ.
އެގޮތުން ފެނެކައިގެ މެނޭޖިންގ ޑައިރެކްޓަރެއްގެ ގޮތުގައި މުހައްމަދު ނިމާލް ހުންނެވި އިރުވެސް އާ އިމާރާތަށް އިންޖީނުގެ ބަދަކު ކުރުމަށް އެދުނު ކަމަށާއި އަދި އެކަން ތިން މަސް ތެރޭ ކުރާނެ ކަމަށް ބުނި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަަމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ. ރައްޔިތުން ކުރިން ހިންގަމުން އައި ރަށްރަށުގެ އިންޖީނުގެތައް ފެނަކައިގެ ދަށަށް ބަދަލުކުރި އިރު އެ ތަންތަނުގައި އަލިފާން ނިއްވާނެ ނިޒާމެއް ވެސް ގާއިމުކޮށްފައެއް ނުވެއެވެ. އެގޮތުން ފިޔޯރީގެ އިންޖީނު ގޭގައި ވެސް އަލިފާން ނިއްވާ ނިޒާމެއް ނެތެވެ. ފެނަކައިން ބުނީ އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެެ.