އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އަރލީ ވޯޓިންގ ނުވަތަ ކުރިން ވޯޓު ލުމުގެ މަރުހަލާގައި ވޯޓު ދެއްވައިފިއެވެ.
ޓްރަމްޕް ވޯޓު ދެއްވާފައި ވަނީ ހޮނިހިރު ދުވަހު ފްލޮރިޑާގައެވެ. ވޯޓު ލެއްވުމަށް ފަހު ތިން ސްޓޭޓެއްގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އިރު ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ވޯޓުލާފައިވާ 54 މިލިއަނަށް ވުރެ ގިނަ މީހުން އެމެރިކާގައި އެބަތިއްބެވެ.
ފްލޮރިޑާގެ ވެސްޓް ޕާމް ބީޗްގައި ހުރި ލައިބްރަރީއެއްގައި ޓްރަމްޕް ވޯޓު ދެއްވީ، ދާއިމީ އެޑްރެސް އަދި ވޯޓު ރަޖިސްޓްރީ މިދިޔަ އަހަރު ނިއުޔޯކުން ފްލޮރިޑާއަށް ބަދަލު ކުރައްވާފައިވާތީއެވެ. ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ "އަހަރެން ވޯޓު ލީ ޓްރަމްޕް ކިޔާ މީހަކަށް" ކަމަށެވެ.
އިންތިޚާބުގައި ޓްރަމްޕްއާ ވާދަ ކުރައްވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ހޮނިހިރު ދުވަހު ވަނީ ޕެންސިލްވޭނިއާއަށް ދަތުރު ކުރައްވާފައެވެ. ޕެންސިލްވޭނިއާގައި ބައިޑަންގެ ކެމްޕެއިންގެ ދެ އިވެންޓެއް ކުރިޔަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އަނެއްކޮޅުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބައިޑަން އަށް ކެމްޕެއިން ކުރެއްވުމުގެ ހަރަކާތްތަކެއް ފްލޮރިޑާގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އޮބާމާގެ ނައިބު ރައީސް ބައިޑަންއަށް އޮބާމާ ކެމްޕެއިން ކުރެއްވުމުގެ ގޮތުން ކުރިޔަށް ގެންދަވާ ދެވަނަ ހަރަކާތެވެ.
ކެމްޕެއިންގައި ބާކީ 10 ވަރަކަށް ދުވަސް އޮތް އިރު 54.2 މިލިއަން މީހުން ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ވޯޓުލުމުގެ މަރުހަލާގައި ވޯޓުލާފައެވެ. މި ފަހަރުގެ އިންތިޚާބު ވެގެންދާނީ އެމެރިކާގައި ފާއިތުވި ގަރުނުގެ ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލާނެ އިންތިޚާބު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އިންތިޚާބު އޮންނަ ދުވަހުގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމުގެ ސަބަބުން ޓްރަމްޕް އާއި ބައިޑަން އާ ދެމެދު އޮތް ވާދަވެރިކަން އިތުރުވެފައިވާ ކަން އަންގައިދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން މިއީ އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައި ގިނަ ބަޔަކު އެއްވެއުޅުން ކުޑަކޮށް ކޮވިޑް-19 ގެ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ވަނީ ބެލެވިފައެވެ.
އެމެރިކާއަކީ މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ގިނަ މީހުންނަށް ޖެހި އަދި މަރުވަމުން އަންނަ ގައުމެވެ. އަނެއްކޮޅުން އިންތިޚާބުގެ ކަންކަން ކުރިޔަށް ދަނިކޮށް އެ ގައުމުގައި ހުކުރު ދުވަހު ވަނީ ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކޮށްފައެވެ. އެއީ 84،000 މީހުންނެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ސްޓޭޓްތަކެއްގައި ވަނީ ކުރިން ވޯޓުލުމުގެ އިންތިޒާމާއި އީމެއިލް މެދުވެރިކޮށް ވޯޓުލެވޭނެ އިންތިޒާމުތައް އިތުރަށް ހަމަޖައްސާފައެވެ.
މެއިލް މެދުވެރިކޮށް ވޯޓުލުމުގެ ސަބަބުން ވޯޓު އޮޅުވާލުމުގެ މަގުފަހިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
އެހެން ނަމަވެސް މިހާތަނަށް އައިއިރު މެއިލް މެދުވެރިކޮށް ވޯޓު އޮޅުވާލާފައިވާ ކަމުގެ ހެއްކެތް ޓްރަމްޕަށް ދެއްކިފައި ނުވާއިރު ކަމާބެހޭ މާހިރުން ބުނާ ގޮތުގައި މެއިލް މެދުވެރިކޮށް ލާ ވޯޓަކީ އެންމެ ރައްކާތެރި ގޮތްކަމަށެވެ. ޓްރަމްޕްގެ ދާއިމީ އެޑްރެސް ފްލޮރިޑާއަށް ބަދަލު ކުރެއްވުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ޓްރަމްޕް ވެސް ވޯޓު ދެއްވީ މެއިލް މެދުމެދުވެރިކޮށެވެ.
ނެގެމުންދާ ޕޯލްތަކުން ބައިޑަން އުޅުއްވަނީ ޓްރަމްޕަށް ވުރެ ކުރީގައެެވެ. ނަމަވެސް ނަތީޖާ ނެރެވޭ ވަރުގެ ސްޓޭޓްތަކުގައި ދެ ކެންޑިޑޭޓުންގެ ދެމެދުގައިވާ ފަރަގު ކުޑަކަމަށް ރިޕޯޓްތައް ބުނެއެވެ.