ނިއު ޒިލެންޑްގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދެވަނަ ދައުރަކަށް އެގައުމުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާން އިންތިޚާބު ވެވަޑައިގެނެފިއެވެ.
ވަގުތީ ނަތީޖާތަކަށް ބަލާއިރު ޖަސިންދާ ނިސްބަތްވެވަޑައިގަންނަވާ ވާތުފިޔައިގެ ލޭބަރ ޕާޓީ އަށް ވަނީ އިންތިޚާބުގެ 49 އިންސައްތަ ވޯޓު ލިބިވަޑައިގަންފައެވެ. މިއާއެކު ނިއު ޒިލެންޑްގައި މިހާރު ހިނގަމުންމިދާ ސިޔާސީ ނިޒާމު 1996 ވަނަ އަހަރު ތަޢާރަފް ކުރެވުނު ފަހުން އެއް ޕާޓީއަކަށް އެހާ ގިނަ ވޯޓު ލިބިގެންދިޔަ ފުރަތަމަ ފަހަރަށް މިފަހަރު ވުމަކީ ވަރަށް ގާތް ކަމަކަށް ވަނީ ވެފައެެވެ.
އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން ޖަސިންދާ ނިސްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީއަށް އެކަނި 64 ގޮނޑި ވަނީ ލިބިފައެވެ. މާނައަކީ އެހެން އެއްވެސް އެއްވެސް ޕާޓީއަކާއި ކޯލިޝަން ނުހަދާ ޖަސިންދާ އަށް ސަރުކާރު ހިންގުމަށް މިއާއެކު މަގުފަހި ވެގެން ދިޔައީއެވެ. ފާއިތުވެގެންދިޔަ 24 އަހަރުވެސް އެއްވެސް ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީއެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ސަރުކާރު ހިންގަމުން އައީ ކޯލިޝަން ހަދައިގެންނެވެ.
އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު ޖަސިންދާ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިނަތީޖާއެކު ނިއު ޒިލެންޑުން ފާއިތުވި 50 އަހަރު އެ ޕާޓީއަށް ނުދޭވަރުގެ ސަޕޯޓެއް ދީފިކަމަށެވެ. އަދި ލޭބަރ ޕާޓީން ސަރުކާރުން ހިންގާނީ ނިއު ޒިލެންޑްގެ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށް ޖަސިންދާ ވައުދުވެވަޑައިގެންނެވި އެވެ.
އިންތިޚާބުގެ އިދިކޮޅު ކަނާތުފިޔައިގެ ޕާޓީކަމަށްވާ ނޭޝަނަލް ޕާޓީއަށް ލިބުނީ 27 އިންސައްތަ ވޯޓެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ނޭޝަނަލް ޕާޓީއަށް 44 އިންސައްތަ ވޯޓު ވަނީ ލިބިފައެވެ. މި ނަތީޖާއަކީ 2002 ވަނަ އަހަރުގެ ފަހުން ނޭޝަނަލް ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ.
ނޭޝަނަލް ޕާޓީގެ ލީޑަރ ވަނީ ބަލި ގަބޫލުކުރައްވާ ޖަސިންދާ އަށް މަރުޚަބާ ވިދާޅުވެފައެވެ.
ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަދި ތިން ހަފްތާ ފަހުންނެވެ. އެއީ އެހެން ގައުމުތަކުގައި ތިބި ނިއު ޒިލެންޑްގެ ރައްޔިތުންގެ ވޯޓުތަކާއެކުއެވެ. އެ ނަތީޖާތަކާއެކު ޤަނޫނު ހަދާ މަޖިލީހުގައި ގޮނޑިތައް ބެހޭނެ ގޮތަށް ކޮންމެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ނިއު ޒިލެންޑްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެއްވުމުގައި ޖަސިންދާ ގެންގުޅުއްވި ކާމިޔާބު ސިޔާސަތުތަކަކީ ދެ ވަނަ ދައުރެއް ބޮޑުތަނުން ކާމިޔާބު ކުރެއްވުމަށް ޖަސިންދާއަށް މަގުފަހިވި މައިގަނޑު ސަބަބެވެ.
ނިއު ޒިލެންޑަގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 1883 މީހުންނެވެ. އެގައުމުން މިބަލީގައި މަރުވެފައިވަނީ 25 މީހުންނެވެ. ނިއު ޒިލެންޑަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ކުރީއްސުރެ ވެސް ކާމިޔާބު ހޯދާފައިވާ ގައުމެކެވެ.