މަހުގެ ފުރަތަމަ ކުނިވަނީ ބޮލެވެ. އެއަށްފަހު މުޅި މަސް ކުނިވެ ޙަލާކު ވެއެވެ. އާންމުކޮށް ކަން ހިނގާ ގޮތަށް ބަލާއިރު، ތަނެއް ހަލާކުވެ ދިއުމުގައި ފުރަތަމަ ގޯސްވާނީ އެތަނެއްގެ ވެރިމީހާއެވެ. އެއަށްފަހު އެތަނެކެވެ. އެހެން ނަމަވެސް ދައްކަން މި އުޅެނީ އެއާ އިދިކޮޅު ވާހަކައެކެވެ. މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގައި ކަން ހިނގަމުންދަނީ މިއާ ދިމާ އިދިކޮޅަށެވެ. އެމްއެމްޕީއާރްސީގައި މިހާރު "ކުނިވެގެން" އުޅެނީ ބޮލެއް ނޫނެވެ. ހަށިގަނޑެވެ.
އެކަން ސާފުވެގެން ދިޔައީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ވަޑައިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ދެއްކެވި ވާހަކަތަކުންނެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލައަށް ފަހު، އެފަދަ ޖަރީމާތައް ހުއްޓުވުމަށް މިހާރު ކުންފުނީގެ އެތެރޭގެ ހިންގުމަށް ގެނެސްފައި ވަނީ ކޮން ބަދަލުތަކެއްތޯ މެމްބަރުން ވަނީ ސާފު ކުރައްވާފައެވެ.
ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތޮއްޔިބު ވިދާޅުވީ، މިވަގުތު ވެސް އެމްއެމްޕީއާރްސީގެ ގިނަ ޑިޕާޓްމަންޓުތައް ހިންގެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މީގެ ކުރިންވެސް އެކަން ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެފަދަ ބޭފުޅުންގެ ސަބަބުން މަސައްކަތްތަކަށް ދަތިވާ ފަހަރު އަންނަކަން ތަކުރާރުކޮށް ތޮއްޔިބުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ނުވިތާކަށް އެފަދަ މުވައްޒަފުންގެ ސަބަބުން ބައެއް ފަހަރު ތޮއްޔިބު ވެސް "ހަލާކުވެދާން" ޖެހޭ ފަހަރު އަންނަކަމަށް މަޖިލީހުގެ ލައިވް ކޮމިޓީއެއްގައި ތޮއްޔިބު ވިދާޅުވިއެވެ.
ގާތްގަނޑަކަށް ވަރަށް ގިނަ އޭރުގެ ސްޓާފުން، ދެން އަޅުގަނޑު ދެކޭ ގޮތުގައި އޮޑިޓް ރިޕޯޓާއި ތަހުޤީޤީ ބަޔާންތަކާ އެއްޗެހި ފެންނަން އޮތްއިރު އެކަންކަމުގައި ޝާމިލުވާ މީހުން ތަހުޤީޤު މަރުޙަލާގައި ކުރަންޖެހޭ ކަމެއްކޮށް ބަންދު ކުރަން ޖެހޭ ބަޔަކު ބަންދު ކުރީމަ، އެ ބަންދު ނުކުރާހާ ހިނދަކު އަޅުގަނޑު ދެކެނީ އެއީ ހަމަ އިނޮސެންޓް ބައެއްގެ ގޮތުގައި، އެ ބަޔަކާ އެއްކޮށް އަޅުގަނޑުމެން އުޅެން ޖެހޭނީ، ދެން އޭގެ ތެރެއިން އުނދަގޫ ދިމާވޭތޯ އެއީ އެހެން އިޝޫއެއް، އަޅުގަނޑަށް އުނދަގޫވާ ބައެއްކަންކަން އެބަހުރި ބައެއް ބޭފުޅުންގެ، އެހެން ނަމަވެސް އަޅުގަނޑަށް ފަސޭހައެއް ނުވާނެ ތަހުޤީޤީ އިދާރާތަކެއްގެ އެއްވެސް އެއްޗެއް ނެތި އެކަންކަމަށް އެޓެންޑްވާކަށް، އެގޮތުން އަޅުގަނޑަށް އުނދަގޫ ކަންކަން ހުރޭ، އެހެން ނަމަވެސް އެކަންކަމަށް ވިސްނައިގެން އުޅެން ޖެހެނީ، ވިސްނައިގެން އުޅޭއިރު އަޅުގަނޑު ހަލާކުވެގެންދާ ފަހަރުވެސް އާދޭ~ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު![]()
އެހެން ނަމަވެސް، އެ އެންމެންނަކީ ވެސް މައުސޫމު ބައެއްގެ ގޮތުގައި ދެކި، އެ މުވައްޒަފުންނާއެކު "އުޅުން ނޫން ގޮތެއް ނެތް" ކަމަށް ހަމަ އެ ނޭވާގައި ތޮއްޔިބު ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެމްއެމްޕީއާރްސީގެ އޮޑިޓެއް ހަދައި، އޭގެ ތެރެއިން ފެންމަތިވި މައްސަލަތައް ތަހުޤީޤުކޮށް، އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާފައި ނުވުމެވެ. ތޮއްޔިބު ވިދާޅުވީ، ތަހުޤީޤީ އިދާރާއަކުން އެ މުވައްޒަފުންނާމެދު ފިޔަވަޅެއް އަޅާފައިނުވާއިރު، އެ މައްސަލަތަކަށް އަމިއްލަފުޅަށް "އެޓެންޑް" ވެވަޑައިގަންނަވަން އުނދަގޫ ކަމަށެވެ.
އެހިސާބުން އުފެދޭ ސުވާލަކީ އެމްއެމްޕީއާރްސީގެ ބޮޑު ޙިޔާނަތް ހިންގިއިރު ކުންފުނީގެ ގިނަ ޑިޕާރޓްމަންޓުތަކުގައި ތިއްބެވި ބައެއް ވެރިންގެ ސަބަބުން މިއަދު ކުންފުނީގެ ހިންގުމަށް ދަތިވެ، ކުންފުނީގެ ވެރިޔާ "ހަލާކުވެދާކަމަށް" ޤަބޫލު ކުރެވޭއިރު ވެސް ފިޔަވަޅެއް ނާޅުއްވައި އަތް ބަނދެވިގެން ހުންނަވަން ޖެހޭބާއެވެ؟ މަހުގެ ހަށިގަނޑު ކުނިވެ، އެންމެ ފަހުން ބޯވެސް ކުނިވަންދެން އަތް އުރާލައިގެން ތިބެވިދާނެބާއެވެ؟
އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައިގައި އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ތަހުޤީޤު ނިންމައި، ޝަރީއަތުން ކުށް ސާބިތުވެފައި ތިބީ މަދު ބައެއްގެ މައްޗަށެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ތަހުޤީޤު މިހާރުވެސް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅޭނީ ހަމައެކަނި ޝަރީއަތުގެ މަރުޙަލާއިން އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވުމުން އެކަނި ނޫންކަން މިއީ ފެންނަން އޮތް ހަޤީޤަތެކެވެ.
އެމްއެމްޕީއާރްސީއަކީ ސަރުކާރު ކުންފުންޏަކަށް ވާއިރު، ކުންފުނީގެ އިދާރީ ހިންގުމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ޤާނޫނުން ބާރު ލިބިގެންވެއެވެ. ވީއިރު، ބޮޑު ޙިޔާނަތް ހިންގިއިރު އެކި ޑިވިޜަންތަކުގައި ތިއްބެވި ބައެއް ވެރިންގެ ސަބަބުން މިއަދު ކުންފުނީގެ ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާނަމަ، އެކަމަށް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ކުންފުންޏެއްގެ ނުވަތަ އިދާރާއެއްގެ މުވައްޒަފަކަށް ފިޔަވަޅު އަޅަންޖެހޭނީ ތަހުޤީޤީ އިދާރާއަކުން ނޫނެވެ. އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ އިންޓަރނަލް އޮޑިޓެއް ހަދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ވެސް ލިބިގެން ވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ރާއްޖޭގެ ނަން ރީތި ކުރުމުގެ ޒިންމާ ޙަވާލުކޮށްފައިވާ ކުންފުނީގެ ނަން މިހާރުވެސް ވަނީ "ބޮޑު ޙިޔާނާތުގެ" ނަމާ ގުޅި ލާމެހިފައެވެ. ވީއިރު އެ ނަން އިތުރަށް ކިލަނބުވެގެން ނުދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މި ވަގުތު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.
އޭގެ އިތުރުން، އެމްއެމްޕީއާރްސީއަކީ މިވަގުތު ކޯޕަރޭޓް ގަވަރނަންސް އުސޫލާ އެއްގޮތަށް ހިނގަމުންދާ ކުންފުންޏެއް ނޫންކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އެގޮތުން ކުންފުނީގެ ބޯޑުގެ 2 މެމްބަރުންގެ ޖާގަ ހުސްކޮށް ހުރިއިރު، ކުންފުނީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަންކަން ހަރުދަނާ ކުރުމަކީ މި ވަގުތަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަނެއްކާވެސް މާޒީގައި ހިނގައިދިޔަ ފަދަ ކަމެއް ތަކުރާރުވުމުން އޭރުގެ ވެރިންނޭ ވިދާޅުވެ ނިންމައެއް ނުލެވޭނެއެވެ. އެ ދުވަހަކުން އެފަދަ މުވައްޒަފުންގެ ސަބަބުން ހަލާކުވެދިޔައީ ކަމަށް ވިދާޅުވިނަމަވެސް ރައްޔިތުން ޤަބޫލެއް ނުކުރާނެއެވެ.