އާބާދީގެ ނިސްބަތުން ބޭރުގެ ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިން ވަނީ ދިވެހިން ކަމަށް ވިދާޅުވެވިދާނެ ކަމަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.
ޒަކަރިއްޔާ ކަންބޮޑުވުން ފާޅުކުރެއްވީ، އެންސީޓީސީ ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ''ރާއްޖެ ޓީވީ'' އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައެވެ.
ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަ ތަކުގައި 170 އެއްހާ ދިވެހިން ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ ތެރެއިން ގިނަ ދިވެހިންނަކީ ސީރިޔާ ގައި ހިނގާ ހަނގުރާމަތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ފަރާތްތަކެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
އެ އަދަދުތަކަށް އިޝާރާތް ކުރައްވާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ރާއްޖޭގެ އާބާދީ އަށް އަޅައި ބަލާއިރު މަތީ އަދަދެއް ކަމަށެވެ.
އެ އަދަދަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަތީ ޕަސެންޓޭޖެއް. މުޅި ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނައި ދިވެހިންނޭ ބުނާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި.ޒަކަރިއްޔާ މަންސޫރު - އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް
ޒަކަރިއްޔާ ވިދާޅުވީ، ހަނގުރާމަތަކުގައި ބައިވެރިވާން ސީރިޔާ އަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އަންނަން ވެގެން ބައެއް މީހުން ސަރުކާރުގައި އެދެމުން ދާތީވެ އެ މީހުން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރިޔަށްދާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ކުރަމުންދަނީ އެ ތަނުގައި ތިބި ދިވެހިން ދެނެގަތުން ކަމަށެވެ. އެކަމަކު އެކަމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.
އެބަތިބި ދިވެހިންނަށް ލިބިފައި ތިބި ދަރިން. އެ އިން ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ނުވަތަ އައިޑެންޓީޓީއެއް ލިބޭނެ ގޮތެއް ނެތް. ރަނގަޅު ސައްހަ ލިސްޓު ލިބޭނެ ގޮތެއް އެބަ ބަލަމުންދޭޒަކަރިއްޔާ މަންސޫރު - އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް
މިހާރު ކުރިޔަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އަންނަ މީހުން، މުޖުތަމައު އިން އެކަހެރިކޮށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ޖެހެއެވެ. އެ ޕްރޮގްރާމް ހިންގުމުގެ ޒިންމާ މަތިކޮށްފައިވަނީ ހޯމް މިނިސްޓްރީ އަށެވެ. އެންސީޓީސީ ބުނީ، ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގަން ތަނެއް ހެދުމުގެ މަސައްކަތް ހޯމް މިނިސްޓްރީން މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
އެ އިންޓަވިއު ގައި ޒަަކަރިއްޔާ މަންސޫރު ވަނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވަން ހުރިހާ ފަރާތެއް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އޭނާ ވިދާޅުވީ، މުޖުތަމައުގައި ހިނގާ ކުދި ކުދި ބައިބައިވުންތައް ނަފްރަތަށް ބަދަލުވެގެންދާ ކަމަށާއި، އޭގެ ސަބަބުން މީހުންނަށް ގެއްލުމެއް ދިނުމާއި އަނިޔާތަކަށް މަގުފަހިވާ ކަމަށެވެ. ދުނިޔޭގެ ސަލަމާތާއި ރައްކާތެރި މިންގަނޑުން ބެލިޔަސް ޓެރަރިޒަމްގެ ހަމަލާތަކަކީ މަތީ ކެޓަގަރީއެއް ގައި އޮންނަ ކަމަކަށްވާއިރު އދ. ގެ އިތުރުން ދޭދޭ ގައުމުތަކުގެ ތެރޭގައިވެސް ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމަށްޓަކާއި ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަައިރު ރާއްޖެއިން ވެސް އެފަދަ ކަންކަން ހުއްޓުވަން ނުވަތަ ''ޕްރިވެންޝަން'' އާ ދިމާލަށް މިހާރަށްވުރެ ބޮޑަށް އަމާޒު ހިފައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޕްރިވެންޝަން އޮފް ރެޑިކަލައިޒޭޝަން ޓެރަރިޒަމް ވައިލެންޓް އެކްސްޓްރީމިޒަމް މި މަސައްކަތް ކުރިޔަށް ދަނީ. ދެން ބައެއް ފަހަރަށް އަޅުގަނޑުމެންނަށް މަނާކުރެވޭ ގޮތުން ސުވާލުއެބަ އަދޭ. ގާނޫނު އަސާސީގައިވެސް ބަޔާން އެބަކުރޭ. އެކަންކަން އޮންނާނީ އެގޮތަށް. ދީނީ ކަންކަމަށްވެސް ސަމާލުކަން ދޭން ޖެހޭނެ. . މުޖުތަމައުގައި ފިކުރީ ބައިބައިވުން އުފެދޭ ގޮތަށް ކަންތައް ކުރީމަ އޭގެ ސަބަބުން ކަންތައްތައް ރަނގަޅުވެގެން ނުދަނީ. އެހެންވީމަ އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ސުލްހަޔަށް.ޒަކަރިއްޔާ މަންސޫރު - އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް
އެންސީޓީސީން ދަނީ މިހާރުވެސް އެކި ފެންވަރުގައި ޓެރަރިޒަމްގެ އިތުރުން ހަަރުކަށި ފިކުރާއި ދެކޮޅަށް އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބޭރުގެ އެކި ގައުމުތަކާއި، ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ. ޒަކަރިއްޔާ މަންސޫރު ވިދާޅުވާ ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ އެކު މިހާރަށްވުރެ ހަރުދަނާކޮށް އެކަންކަން ކުރެވިގެންދާނެއެވެ.
ރާއްޖެއިން ބޭރުގެ ހަނގުރާމަ ތަކުގައި ބައިވެރިވަ ދިވެހިންގެ އަދަދު ގިނަ ކަމަށް އެންސީޓީސީން ބުނެފައިވާއިރު، ފަސްޖެހުމެއްނެތި މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށް ފަސްނުޖެހޭ 1400 އަށްވުރެ ގިނަ ދިވެހިން ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހަރުކަށި ފިކުރުގެ މީހުން ހޯދުމުގެ ގޮތުން ދޭތެރެ ދޭތެރެ އިން ފުލުހުން ދަނީ އެކި ކަހަލަ އޮޕަރޭޝަންތައް ހިންގައި ކާމިޔާބީތަކެއް ހޯދަމުންނެވެ. ފުލުހުން ލިބުނު މައުލޫމާތަކާއި ގުޅިގެން ސީރިޔާގެ ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި ދިވެއްސަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ފަހުން ގެންގޮސްފައެވެ.