ޗައިނާގެ ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސްއިން ކޮވިޑް-19 ށް ތައްޔާރުކުރަމުންދާ ވެކްސިން އަކީ އިންސާނުންނަށް ރައްކާތެރި އެއްޗެއް ކަމުގެ އުއްމީދު އެބައޮތް ކަމަށް ދިރާސާއިން ދައްކައިފިއެވެ.
މިކަން ހާމަވެފައި ވަނީ ޓެސްޓިންގގެ ދެވަނަ މަރުހަލާގެ ތެރެއިންނެވެ. މިއާއި އެކު މި ވެކްސިން ވަނީ އިމަރޖެންސީ އިނޯކިއުލޭޝަން ޕްރޮގްރާމްގެ ދަށުން ޗައިނާގެ އެސެންޝަލް ވަރކަރުންނާއި ހައި ރިސްކު މީހުންނަށް ދޭން އެޕްރޫވް ކޮށްފައެވެ.
އެހެންނަމަވެސް މި ވެކްސިންއަކީ ކޮވިޑުން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަން ކަށަވަރުކުރެވޭނީ ޓެސްޓުކުރުމުގެ ފޭސް ތިނެއްގެ ޓްރަޔަލްގައެވެ. ތިންވަނަ ފޭސްގެ ޓެސްޓިންގެ މަސައްކަތް މިހާރު ދަނީ ޗައިނާ އިން ބޭރުގައި ކުރެވެމުންނެވެ.
ބެއިޖިންގް އިންސްޓިޓިއުޓްގެ މި ވެކްސިންއަކީ ދުނިޔޭގައި މި ވަގުތު ޓެސްޓުކުރުމުގެ ތިންވަނަ މަރުހަލާގައިވާ 10 ވެކްސިންގެ ތެރޭގައި ހިމެނޭ ވެކްސިންއެކެވެ. މީގެ ތެރެއިން ހަތަރު ވެކްސިންއަކީ ޗައިނާގެ ސައިންޓިސްޓުން ތައްޔާރުކުރަމުން އަންނަ ވެކްސިންތަކެކެވެ.
ޓެސްޓުގައި ބައިވެރިވި އެކި އުމުރުފުރާގެ ފަރާތްތަކަށް މި ވެކްސިންގެ ތަފާތު ތިން ޑޯޒެއް ދީފައިވާއިރު 60 އަހަރުން މަތީގެ މީހުންގެ ހަށިގަނޑުން އެންޓި ބޮޑީ އުފައްދާ މިންވަރު ލަސްކަން ދިރާސާއިން ދެއްކިއެވެ.